އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވާ ކަމުގެ ސިއްރު މަޢުލޫމާތު ހިމެނޭ ދެ ލިޔުމެއް ލީކްވުމާ ގުޅިގެން އެމެރިކާގެ ސަރުކާރުން ތަޙުޤީޤެއް ފަށައިފިއެވެ.

މި ކަން ހާމަކޮށްދެއްވީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ މައިކް ޖޮންސަންއެވެ.

Ad
rt

ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ސްޕީކަރ ޖޮންސަން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އަދި އޭނާއަށް މި ކަމާ ގުޅޭ ބްރީފިންގއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މައްސަލަ ގާތުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލީކްވި ލިޔުންތަކަކީ އެމެރިކާގެ ނެޝަނަލް ޖިއޯސްޕޭޝަލް-އިންޓެލިޖެންސް އޭޖެންސީން ތައްޔާރުކޮށްފައިވާ ލިޔުންތަކެއް ކަމަށް ބެލެވެއެވެ. މި ލިޔުންތަކުގައި އޮކްޓޯބަރު 15 އާއި 16 ވަނަ ދުވަހު ނެގި ސެޓެލައިޓް މަންޒަރުތަކުގެ މައްޗަށް ބިނާކޮށް، އިސްރާއީލުގެ އެއަރ ފޯސް އަދި ނޭވީގެ ރޭވުންތަކާ ބެހޭ އެމެރިކާގެ ދޭހަތައް ހިމެނެއެވެ.

މި ލިޔުންތައް ފުރަތަމަ ފެތުރެން ފެށީ ޓެލެގްރާމް މެސެޖިންގ އެޕް މެދުވެރިކޮށް ކަމަށް ވެއެވެ. އިސްރާއީލުން މިހާރު ދަނީ އީރާނުން އޮކްޓޯބަރު 1 ގައި ދިން ހަމަލާއަށް ޖަވާބުދާރީވުމަށް ތައްޔާރުވަމުންނެވެ. މިއީ ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި އީރާނުން އިސްރާއީލަށް ދިން ދެވަނަ ސީދާ ހަމަލައެވެ.

ނިއު ޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އެމެރިކާގެ އިސް އޮފިޝަލުން ވަނީ މި ލިޔުންތަކަކީ އަސްލު ލިޔުންތަކެއްކަން އަމިއްލަ ގޮތުން ޤަބޫލުކޮށްފައެވެ. ނަމަވެސް މިއީ އެމެރިކާއަށް އެނގިފައިވާ މަޢުލޫމާތުގެ ކުޑަ ބައެއް ކަމަށްވެސް އެ އޮފިޝަލުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ނެޝަނަލް ޖިއޯސްޕޭޝަލް-އިންޓެލިޖެންސް އޭޖެންސީ އަދި އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނެޝަނަލް އިންޓެލިޖެންސްއިން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ޕެންޓަގަނުން ބުނެފައިވަނީ މި ލީކާ ގުޅޭ ރިޕޯޓުތައް ބަލަމުންދާ ކަމަށެވެ.