އިސްރާއީލުން ޣައްޒާގެ ދެކުނު ސަރަހައްދަށް ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރުގެ ޝަހީދުވެފައިވާ ހަށިގަނޑުގެ ފޮޓޯއެއް ހިމެނޭ ލީފްލެޓްތަކެއް އަޅައިފިއެވެ.
މި ލީފްލެޓްތަކުގައި "ހަމާސްއިން ދެން ޣައްޒާ ނުހިންގާނެ" ކަމަށް ބުނެފައިވެއެވެ. މިއީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބޭނުންކުރި ޢިބާރާތެކެވެ.
މި ލީފްލެޓްތައް އެޅި ވަގުތު، އިސްރާއީލުގެ ހަމަލާތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި މަދުވެގެން 35 މީހުން ޝަހީދުވިއެވެ. އަދި ޣައްޒާގެ އުތުރުގައިވާ ޖަބާލިޔާގެ ހޮސްޕިޓަލްތަކުގެ ވަށައިގެން ކޮށްފައިވާ ހިޞާރުކުރުން ވަރުގަދަކުރިއެވެ. މިކަން ފާހަގަކޮށްފައިވަނީ ފަލަސްތީނުގެ ސިއްހީ އިދާރާތަކުންނެވެ.
ޚާން ޔޫނިސްގެ ރައްޔިތުންނާއި އޮންލައިންގައި ދައުރުވަމުންދާ ފޮޓޯތަކުން ދައްކާގޮތުގައި، ޢަރަބި ބަހުން ލިޔެފައިވާ މި ލީފްލެޓްގައި "ހަތިޔާރު ދޫކޮށް ހަނގުރާމަވެރިން ދޫކޮށްލާ މީހުންނަށް ސަލާމަތްތެރިކަމާއެކު ދިއުމުގެ ފުރުސަތު ދެވޭނެ" ކަމަށް ބުނެފައިވެއެވެ.
މި ލީފްލެޓްގައިވާ ބަސްތައް ނަގާފައިވަނީ ބުރާސްފަތި ދުވަހު ނެތަންޔާހޫ ދެއްކި ވާހަކައަކުންނެވެ. އެއީ ބުދަ ދުވަހު މިސްރުގެ ބޯޑަރާ ކައިރީގައިވާ ރަފާގައި އިސްރާއީލުގެ ސިފައިން ސިންވާރު ޝަހީދުކޮށްލުމަށްފަހުއެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމގުައި 42,500 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވެއެވެ. އަދި އިތުރު 10,000 މީހުން ވާކަމަށް ލަފާކުރެވެނީ ވެއްޔާއި އަޅިތަކުގެ ދަށުގައެވެ. މިއީ ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތެވެ.
މެދު ޣައްޒާގެ އަލް-މަޣާޒީ ކޭމްޕުގައި އިސްރާއީލުން ގެއަކަށް ދިން ހަމަލާއެއްގައި 11 މީހުން ޝަހީދުވިއެވެ. އަދި ކައިރީގައިވާ ނުސައިރާތު ކޭމްޕަށް ދިން އިތުރު ހަމަލާއެއްގައި 4 މީހުން ޝަހީދުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!