ވޭތުވި ތިން އަހަރު ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން އެކަން ބަލަމުން އަންނަކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad
rt

ދައުލަތުގެ މާލީ ހާލަތު ބަޔާންކޮށްދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓު ގަވައިދުން އާންމު ކުރަމުން ދިޔުމަށްފަހު މިދިޔަ ޖޫން މަހުން ފެށިގެން އެ ރިޕޯޓު ނެރެފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވެފައިވާއިރު މާލީ ވަޒީރު މިއަދު ވަނީ އެ ރިޕޯޓު ނުނެރެވި އޮތް ސަބަބު ހާމަކުރަށްވާފައެވެ.

މިގޮތުން ޒަމީރު ވިދާޅުވީ އަހަރު ދެބައިވިއިރު ހަރަދުތަކުގައި ބޮޑެތި ފަރަގުތަކެއް ހުރިކަން ފާހަގަކުރެވިގެން، އެކަންކަން ބެލުމަށް އެ ރިޕޯޓް ނެރުން އޭރުގެ މާލީވަޒީރު ހުއްޓަވައިލެއްވީ ކަމަށެވެ.

ވޭތުވި ތިން އަހަރު ހަރަދުތައް ރެކޯޑުކުރުމުގައި ފާހަގަކުރެނު މައްސަލަތައް ގޮތުގައި މާލީ ވަޒީރު މިއަދު ފާހަގަކުރެއްވި ބައެއް ކަންކަން

‏* ބޭރުން މަޝްރޫއުތައް ހިންގުމަށް ދޭ ފައިސާ ރެކޯޑުނުކޮށް ޖެހިގެން އަންނަ އަހަރުގައި ރެކޯޑުކުރަމުން ގެންދިއުން

‏* މަޝްރޫއުތައް ހިންގަން ބޭރުން ދިން ފައިސާގެ ތެރެއިން 2 ބިލިއަނެއްހައި ރުފިޔާ ނިމުނު އަހަރު ރެކޯޑުކޮށްފައި ނެތުން

‏* މަޝްރޫއުތަކަށް ކުދި އަދަދުތަކުން ފައިސާ ޖެހުމަށްފަހު، އެޑްވާންސް ޕޭމެންޓު ދިނުމަށްފަހު ބަޖެޓުގައި ނެތް ޖާގައަކުން އެ ޚަރަދުތައް ހަމަޖައްސަން މަޖުބޫރުވާނެހެން މާލީ ހިސާބުތައް ބެލެހެއްޓުން

‏* މިދިޔަ އަހަރު ބިލުކުރި 3 ބިލިއަނެއްހައި ރުފިޔާ މި އަހަރުގެ ކޭޝްފްލޯއިން ހަމަޖައްސަންޖެހުން

‏* ބަޖެޓު ތައްޔާރުކުރާއިރު ޖެހިގެން އަންނަ އަހަރު ހިނގާނެކަން އެނގޭ ހަރަދުތައް ބަޖެޓުގައި ހިމަނާފައިނުވުން

‏މީގެ އިތުރުން ކޮންފަމޭޝަން ވަގުތުގެ ބޭނުންކޮށްގެން ޑިސްބާސްމެންޓު ކޯޑުން ފައިސާ ނަގައިގެން އެހެން ކަންކަމަށް ހަރަދުކޮށްފައިވުމާއި، ޤާނޫނުއަސާސީއާއި މާލިއްޔަތު ޤާނޫނާ ޚިލާފު ކަންކަން ހިނގާފައިވާ ކަމަށް ބެލެވޭކަމަށް ވަޒީރު މިއަދު ވަނީ ވިދާޅުވެފައެވެ.