ޔުއޭފާ ނޭޝަންސް ލީގު އޭގެ ގްރޫޕް ތިނެއްގައި ރޭ ޖަރުމަނާއި ނެދަލެންޑްސް ވާދަކުރި މެޗު 1-0 ގެ ނަތީޖާއިން ޖަރުމަނުން ކާމިޔާބު ކޮށްފިއެވެ.

ބަޔާން މިއުނިކްގެ އެލިއެން އެރީނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފެށުމުގެ ކުރިން، ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލި ތިން ކުޅުންތެރިން ކަމަށްވާ ތޯމަސް މުލާ، މެނުއަލް ނޯޔާ އަދި ގުންޑޮގާން ގެ ޝަރަފުގައި ހާއްސަ ވަގުތުކޮޅެއް ކުރިއަށް ގެންދިޔައެވެ.

Ad
rt

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ގިނަ ހަމަލާ އުފެއްދީ ޖަރުމަނުންނެވެ. މި މެޗުގެ ޖަރުމަނުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖެމީ ލެވެލިންއެވެ.

މި މެޗު ނެދަލަންޑްސްއިން ކުޅެފައިވަނީ އެޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކްއަށް އެންމެ ފަހު މެޗުގައި ދެއްކި ރަތް ކާޑާއެކު އޭނާ އާއި ނުލައެވެ.

މި ކާމިޔާބީއާއެކު ޖަރުމަނުން މިހާރު މިވަނީ ކުޅުނު ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކު ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމާއި ގާތަށް ޖެހިލާފައެވެ. އަދި ނެދަލަންޑްސް އުޅެނީ ފަސް ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. މި ގްރޫޕްގައި ދެން ހިމެނޭ ދެޓީމު ކަމުގައިވާ ހަންގޭރީ އާއި ބޮސްނިއާ ރޭ ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައިވަނީ ހަންގޭރީއެވެ.

މި މެޗުގައި ހަންގޭރީއިން ކާމިޔާބު ކުރި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ޑޮމިނިކް ޒޮބޮސްލާއީއެވެ. ހަންގޭރީ ޕޮއިންޓް ތާވަލުގެ ތިންވަނާގައި އޮތީ ދެވަނާގައި އޮތް ނެދަލެންޑާއި އެއްވަރަށް ޕޮއިންޓް ހޯދައިގެންނެވެ. ފުލުގައި އޮތް ބޮސްނިއާއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.