ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މީގެ އިރުކޮޅެއް ކުރިން ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް އަންނަ ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

މިގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކޮށް، ބިޑިއާއި ސިނގިރޭޓުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރަން ނިންމާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

އާންމު ތަންތާނގައި ދުންފަތުގެ އިސްތިއު މާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނިންމަވާފައިވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ގައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ނިންމާފައިވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

‏ދުންފަތުގެ އިސްތިސުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުމާއި އެހީތެރިކަމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ނިންމާފައިވާކަން ހާމަކޮށް އިއްޔެ ރައީސް ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން އަންނަ ނޮވެމްބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މަނާކުރަން ނިންމާފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މި އަހަރުގެ ޑިސެމްބަރ 15 ވަނަ ދުވަހުން ފެށިގެން މަނާކުރަން ވެސް ރައީސް އިއްޔެ ވަނީ ނިންމަވާފައެވެ.