އެމެރިކާގެ ކެލިފޯނިއާގެ ބާބޭންކްގައި ހުރި ވޯނަރ ބްރަދާސް ލޮޓުގައި ބޭއްވުނު "ވީ، ރޮބޮޓް" އިވެންޓުގައި ޓެސްލާއިން އެ ކުންފުނީގެ އައު ސައިބަކެބް އިލެކްޓްރިކް ވެހިކަލް (އީވީ) ތަޢާރަފުކޮށްފިއެވެ.
މި ރޮބޮޓެކްސީއަކީ އަލްފަބެޓްގެ ވޭމޯ ފަދަ ވާދަވެރިންނާ ވާދަކުރުމަށް ނެރެފައިވާ އުޅަނދެކެވެ. މިއީ ސައިބަޓްްރަކް، މޮޑެލް 3 އަދި މޮޑެލް އެސް ފަދަ ޓެސްލާގެ އޮޓޮނޮމަސް ސެލްފް-ޑްރައިވިންގ ވެހިކަލްތަކުގެ ސަފަށް އިތުރުވި އުޅަނދެކެވެ. ނަމަވެސް މި އުޅަނދުގައި ސްޓިއަރިންގ ވީލެއް ނުވަތަ ޕެޑަލްްތަކެއް ނުހުންނާނެއެވެ. މިއީ ބިލިއަނަރު އީލޮން މަސްކްގެ ޑްރައިވަރު ނުހުންނަ މުސްތަޤުބަލުގެ ތަޞައްވުރު ޙަޤީޤަތަކަށް ވެގެންދާކަމުގެ ނިޝާނެކެވެ.
ސައިބަކެބްގެ އިތުރުން، މަސްކް ވަނީ ރޮބޮވެން އަދި އޮޕްޓިމަސް - އާންމު ބޭނުންތަކަށް ބޭނުންކުރެވޭ ރޮބޮޓިކް ހިއުމަނޮއިޑް - ވެސް ދައްކާލާފައެވެ. އަދި 2025 ވަނަ އަހަރާ ހަމައަށް ކެލިފޯނިއާ އަދި ޓެކްސާސްގައި ޓެސްލާ މޮޑެލް 3 އަދި މޮޑެލް ވައި އަށް އޮޓޮނޮމަސް ޑްރައިވިންގ ގެނެސްދޭނެކަމުގެ ވަޢުދު އާކޮށްފައިވެއެވެ.
ސައިބަކެބް ތަޢާރަފުކުރުމާއެކު، މަސްކްގެ ޓެސްލާއިން ރޮބޮޓެކްސީ މާކެޓަށް ނުކުތުމަށް މަސައްކަތްކުރަމުންދެއެވެ. މިހާރު އެމެރިކާގައި މި ދާއިރާގައި އެންމެ ބޮޑު ބައިވެރިއަކީ ވޭމޯއެވެ. ވޭމޯއިން ޑްރައިވަރުން ނުތިބޭ އުޅަނދުތަކުގެ ފްލީޓެއް އޮޕަރޭޓްކުރަމުންދެއެވެ. ޓެސްލާގެ ރޮބޮޓެކްސީގައި ޕެޑަލްތަކެއް ނުވަތަ ސްޓިއަރިންގ ވީލެއް ނުހުންނާނެއެވެ. މީގެ ބަދަލުގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ސެންސަރުތަކާއި ކެމެރާތަކުގެ އެރޭއެއް ބޭނުންކޮށްގެން އުޅަނދު ދުއްވައި، ކަނޑައެޅިފައިވާ މަންޒިލްތަކަށް ދަތުރުކުރާނެއެވެ. މިކަމަށް އެޑްވާންސްޑް ޑްރައިވަރ އެސިސްޓަންސް ސިސްޓަމް (އޭޑީއޭއެސް) ލެވެލް-2 އަށް ބިނާކޮށްފައިވާ ކުންފުނީގެ އެފްއެސްޑީ ސިސްޓަމް ބޭނުންކުރާނެއެވެ.
ސައިބަކެބްގެ ޑިޒައިނަކީ ކޫޕް-ވައްތަރުގެ ދެ ދޮރުގެ ޑިޒައިނެކެވެ. މީގައި ބަޓަރފްލައި ދޮރުތަކެއް ހުރެއެވެ. އަދި މެދުގައި ބޮޑު ޓަޗްސްކްރީން ޑިސްޕްލޭއެއް ހަރުކޮށްފައި ހުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!