ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، "އެކްސް" ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

ރައީސް ވިދާާޅުވީ، ސަލާމަތް ޞިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން ކަމަށެވެ.

ރައީސް ވިދާޅުވެފައިވާގޮތުގައި އުފެއްދުންތެރި، މުރާލި އަދި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަމަކީ ބޮޑު ދައުރެއް އަދާކުރާ ކަމެއްކަމެކެވެ. އެހެންކަމުން ނަފުސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހެއް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އާބާދުތައް، ނަފުސާނީ ބަލިތަކަށް ހޭލުންތެރިކުރުވުމާއި، ނަފުސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް އެއްބާރުލުންދެނިވި މަސައްކަތްތަކެއް ކުރުމެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "މަސައްކަތުގެ މާޙައުލުގައި ނަފުސާނީ ދުޅަހެޔޮކަން" މިއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރަނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުއެވެ.