ދިވެހިރާއްޖެއާއި އިންޑިއާ ޢަމަލުކުރަން އެއްބަސްވެ ޢިއުލާންކޮށްފައިވާ "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ"އަކީ އަކުރުން ފިއްޔަށް ލިޔެފައި އޮތް ފެންނަން އޮންނާނެ އެއްޗެއް ކަމަށާއި، އެހެން ޤައުމެއްގެ ސިފައިން ދެން ރާއްޖޭގައި ނުތިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ މިނިވަންކަމަކީ އެންމެ މުހިންމު ކަންތައްކަން ފާހަގަ ކުރަށްވާފައެވެ.

''އަޅުގަނޑުމެންގެ މިނިވަންކަން އެއީ އަޅުގަނޑަށް އެންމެ މުހިންމު ކަންތައް، އަޅުގަނޑުމެންގެ ސޮވްރިންޓީ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން. އަޅުގަނޑުމެންގެ ޤައުމުގަ އެހެން ޤައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމާއި، ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން އެކަމަށް އޮތީ ދާއިމީ ހައްލެއް ގެނެވިފައި ކަމަށެވެ.

''ދެ ޤައުމު، އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން، ރިވެތި އަޚްލާޤްގެ ތެރެއިން، ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން އެކަމަށް އޮތީ ދާއިމީ ހައްލެއް އައިސްފައި، ކުރިއަށް އޮތްތާވެސް މިކަން އޮންނާނީ މިހެން'' ރައީސް ވިދާޅުވިއެވެ.

ދެ ނޫހަކުން އެކަމުގެ ހަގީގަތް އޮޅޭގޮތަށް ޚަބަރުތައް ފަތުރާކަމަށް ވިދާޅުވެ، އެ ދެ ނޫހުން އެހެން ކަންކުރިނަމަވެސް ޖުމްލަ ދިވެހި ނޫސްވެރިންގެ ކިބައިން ފެންނަނީ ޒިންމާދާރު ނޫސްވެރިކަން ކަމަށް ވިދާޅުވެ ރައީސް ވަނީ ޝުކުރުއަދާކުރަށްވާަފައެވެ.

ރައީސް ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އެއްބަސްވި "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" އަކީ އެންމެންނަށް ފެންނަ ގޮތަށް އަކުރުން ފިއްޔަށް ލިޔެފައި އޮތް އެެއްޗެއް ކަމަށެވެ.

'' އޭގައި ދިފާއީ ގޮތުން، ޑިފެންސްގެ ދާއިރާ އިން ލިޔެފައި ހުރި ކޮންމެ ޖުމްލައަކީ އެމްއެެންޑީއެފުން ބައްލަވައި ޑިފެންސް މިނިސްޓްރީން އެޕްރޫވް ކޮށްފައި އޮތް އެއްޗެއް. އޭގައި އޮންނާނީ އަޅުގަނޑުމެންގެ ސިޔާސަތާ އެއްގޮތަށް ހުރިހާ ކަމެއް. ކުރީގައި ވީ ހެން އޭގައި ނުހުންނާނެ ކަންކަމެއް،" ރައީސް ވިދާޅުވެފަވެއެވެ.