އިންޑިއާއަކީ ދެގޮތެއްނުވާ ރާއްޖޭގެ ބައިވެރިއެއްކަން އެޤައުމުން އަބަދުވެސް ސާބިތުކޮށްދެމުން އަންނަކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިޖާފަތުގައި ބައިވެރިވެވަޑައިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ރާއްޖެ އާއި އިންޑިއާގެ ދިގު ދެމިގެންދާ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ ތާރީޚާއި ދެޤައުމުން ގަބޫލުކުރާ ހަމަތަކާއި ހިއްސާކުރާ އާދަކާދަތަކުގެ މައްޗަށްކަމަށް ވިދާޅުވެފައެވެ.

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ދެޤައުމުގެ ދެމެދުގައި ސިޔާސީގުޅުން ގާއިމުކުރިތާ ފަސްފޮޅަހައްވުރެ ގިނަ އަހަރުވެފައިވާއިރު އަދިވެސް އެގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

ރައީސް، އިންޑިއާގެ ރައީސާއި ބައްދަލުކުރަށްވައިފި

އަވަށްޓެރި ޤައުމުތަކާއެކު ގުޅުންބަދަހި ކުރެއްވުމުގައި، އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމުކުރުމާއެކު، ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރަށްވަމުން ރައީސް ވިދާޅުވެފައި ވަނީ، ދެޤައުމުން އެއްބަސްވާ އަދި ދެޤައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރަށްވާނެ ކަމަށެވެ.

މި ބައްދަލުވުމުގެ ކުރީން ރައީސް ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ބައްދަލުކުރައްވާފައެވެ. އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައި އޮތް މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވަނީ، ދިވެހިރާއްޖެއަކީ އިންޑިއާގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވައި، ދިވެހިރާއްޖެ ތަރައްޤީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.