ދިވެހި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރަން މިއަދު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައެވެ.

Ad
rt

ރައީސް އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރެއްވުމުގެ އިތުރުން ދެޤައުމުގެ ދެމެދު ރަސްމީވާހަކަތައް ވެސް މިހާރު ވަނީ ބާއްވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވާފައި ވަނީ މިއަދު ހެނދުނުއެވެ. ރައީސްގެ ދެކަނބަލުންނަށް މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.

ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.

ރައީސް އިންޑިއާ ދަތުރުފުޅު ފެއްޓެވީ އިއްޔެއެވެ. މި ދަތުރުފުޅު ނިންމަވާލަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.