ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް އިތުރު މުހުލަތު މިއަދު ދީފިއެވެ.
އެ ތަން ފުލުހުންނާއި ހަވާލުކުރުމަށް މި މަހުގެ 31 އާއި ހަމައަށް އިތުރު މުއްދަތު ދިނުމަށް ބައްސާމުގެ ވަކީލުންގެ ފަރާތުން މިއަދު ވަނީ ފުލުހުގައި އެދިފައެވެ.
ފުލުހުން މިރޭ ބުނާ ހާލަތަށް ރިއާޔަތްކުރުމަށްފަހު، އެކަމަށް އެދި ބައްސާމުގެ ފަރާތުން ފޮނުވި ސިޓީގައިވާ މުހުލަތު ދިނުމަށް ނިންމައި އެކަން ލިޔުމުން މިހާރު ބައްސާމަށް އަންގާފައިވާ ކަމަށެވެ.
މި ދެ ތަން ފުލުހުންނާއި ހަވާލުކުރަން ކޯޓުން ކުރި އަމުރުގެ މުހުލަތު ހަމަވާން އޮތީ މިއަދުގެ ނިޔަަލަށެވެ.
އެފްއެމްއޭމް ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ދެ ޕެންޓަހައުސް ފުލުހުންނާއި ހަވާލުކުރުމަށް ކޯޓުން އަމުރުކުރީ 28 ސެޕްޓެމްބަރު 2024 ގައެވެ.
ބައްސާމާއި ގުޅޭ މައްސަލަތަކެއް ފުލުހުންގެ ތަހުގީގު މަރާލާގައި ވެސް އޮތްއިރު، ކޯވިޑު ދުވަސްވަރު ދިވެހި ކްލަބްތަކަށް ފައިސާ ދޫކުރަން އެފްއޭއެމަށް ދިން ފައިސާ ބޭނުންކޮށްގެން ބައްސާމް، އަމީން އެވެނިއުއިން ދެ ޕެންޓަހައުސް ގަތްކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކުރަން ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ފޮނުވައިފައެވެ.
މި ތުހުމަތުތަކާއި ގުޅިގެން އޭނާ ރާއްޖެއިން ފުރުން މަނާކޮށް، ޕާސްޕޯޓު ވެސް އޮތީ ހިފަހައްޓާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!