ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގަތްކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުންނަށް ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ އެފްއެމްއޭމް ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ބައްސާމްގެ މިލްކިއްޔާތުގައި ހިމެނޭ ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ދެ ޕެންޓަހައުސް ފުލުހުންނާއި ހަވާލުކުރުމަށް 28 ސެޕްޓެމްބަރު 2024 ގައި ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މި ދެ ތަން ފުލުހުންނާއި ހަވާލުކުރަން އަމުރުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ކުރިންނެވެ.
އެހެންވެ އެ ދެތަނާއި ހަވާލުވުމަށް އެ މުއައްސަސާއިން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމަށް ފުލުހުންބުންޏެވެ.
ބައްސާމް އެ ދެ ޕެންޓްހައުސް ގަތީ ކޮވިޑުގެ ދުވަސްވަރު ފުޓްބޯޅަ ކްލަބްތަކަށް ދިމާވި މާލީ ދަތިތަކުން އަރައިގަތުމަށް އެފްއޭއެމުން، ފީފާ މެދުވެރިކޮށް ނެގި ލޯނު ފައިސާއިންކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.
އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދޭން ފުލުހުން ވަނީ މިދިޔަ މަހު ޕީޖީ އޮފީހުގައި އެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!