ރ.އަތޮޅު އަލިފުށީގައި "ވިލެޖް ވީވަރ" ދޫނި އާލާކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފަށައިފިއެވެ.
އެ ކައުންސިލުން ވަނީ މި ދޫނި އާލާކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ހަތަރު ޖޯޑު ވިލެޖް ވީވަރ އިއްޔެ ރަށުތެރެއަށް ދޫކޮށްލާފައެވެ. އަދި އެ ދޫނިތައް ހިފާ ނުހެދުމަށް ކައުންސިލުން ވަނީ އިލްތިމާސް ވެސް ކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދެމުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ބުނީ ވިލެޖް ވީވަރ އަކީ މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގައި އާލާކޮށްފައިވާ ދޫންޏެއް ކަމަށާއި، އެ ދޫނި އަލިފުށީގައި އާލާކުރަން ނިންމީ މިހާރު އާލާކޮށްފައިވާ ބައެއް ރަށްރަށުން އެއްކުރެވުނު މައުލޫމާތައް ބެލުމަށް ފަހު އޭގެ ސަބަބުން ފައިދާތަކެއް ލިބޭނެތީ ކަމަށެވެ.
އިމްރާން އިތުރަށް ބުނީ މި ދޫނިތަކުގެ ސަބަބުން ގަސްގަހުގައި އަޅާ، ގަހަށް ގެއްލުންދޭފަދަ ފަނިފަކްސާތައް ކޮންޓްރޯލް ކުރެވި އޭގެ ފައިދާ ވެއްޓަށް ލިބިގެންދާނެ ކަމަށެވެ.
މި ދޫންޏަކީ ސައިޒުގެ ގޮތުން ކުޑަ ދޫންޏެއް ނަމަވެސް ކާޅަށް އެއަށް ގެއްލުން ނުދެވޭނެކަން ފާހަގަ ކުރަމުން އިމްރާން ބުނީ މި ދޫނި އާލާކުރުމަށް ރަށުތެރެއަށް ދޫކޮށްލުމަށް ފަހު އޭތި ފެންނަ ހިސާބަށް ފުރަތަމަ ދުވަސްކޮޅުގައި ކޮންމެވެސް ވަރަކަށް ކާން އަޅަން ޖެހޭނެ ކަމަށާއި ނަމަވެސް ވަކި ތަނެއް ނުވަތަ ވަކި ސަރަހައްދެއްގައި ދޫނިތައް ސެޓްލް ވުމުން ކާން ދޭން ނުޖެހޭނެ ކަމަށެވެ.
އަލިފުށީގެ ވެށީގެ ހިތްގައުމުކަން އިތުރު ކުރުމަކީ ވެސް މި ދޫނި އާލާކުރުމަށް ކައުންސިލުން ނިންމި ސަބަބެކެވެ.
ރާއްޖޭގެ ބައެއް ރަށްތަކުގައި މިހާރު ވެސް ވަނީ މި ދޫނި އާލާކޮށްފައެވެ. މިގޮތުން ރ.މަޑުއްވަރީގައި މި ދޫނި އާލާކޮށްފައިވެއެވެ. އަދި ތ.އަތޮޅު ވަންދޫގައ ވެސް މި ދޫނި ރަށުތެރެއަށް ދޫކޮށް މިހާރު ވަނީ އާލާކޮށްފައެވެ
ހަށިގަނޑުގެ ބޮޑުބައި ރީނދޫ ކުލައިގައި ހުންނަ މި ދޫނީގެ އެންމެ ހާއްސަ ކަމަކީ އެސޮރުގެ ހާލި ވިޔުމުގައި ގެންގުޅޭ އާދަޔާ ހިލާފް މޮޅު އުކުޅުތަކެވެ. މިއީ އާލާކުރަން ފަސޭހަ ދޫންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!