ނާސާގެ ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ޕްލޫޓޯގެ އެންމެ ބޮޑު ހަނދު ޗަރޯންގެ ސަތަޙައިން ފުރަތަމަ ފަހަރަށް ކާބަން ޑައިއޮކްސައިޑް އަދި ހައިޑްރޮޖަން ޕެރޮކްސައިޑް ފެނިފައިވާ ކަމަށް ސައިންޓިސްޓުން ހާމަކޮށްފިއެވެ. މިއީ ގަނޑުވެފައިވާ ސޮލިޑް ބާވަތްތަކެކެވެ.
މީގެ ކުރިން ޗަރޯންގެ ސަތަޙައިން ފެނިފައިވާ ފެނުގެ ގަނޑު، އެމޯނިއާ އެކުލެވޭ މާއްދާތަކާއި އޯގަނިކް މެޓީރިއަލްސްގެ އިތުރުން މި ދެ މާއްދާ ފެނުމާއެކު، މި ހަނދުގެ އުފެދުމާއި ތަރައްޤީގެ މަރުޙަލާތަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ލިބޭނެ ކަމަށް ސައިންޓިސްޓުން ބުނެފައިވެއެވެ.
ޗަރޯންއަކީ ގާތްގަނޑަކަށް 1,200 ކިލޯމީޓަރުގެ ޑައިމީޓަރެއް ހުންނަ، ވައްބޯޅައެއްގެ ސިފައިގައިވާ ޖިސްމެކެވެ. މިއީ އަޅުގަނޑުމެންގެ ސޯލަރ ސިސްޓަމްގައި ހިމެނޭ ޑްވޯފް ޕްލެނެޓްތަކުގެ ތެރެއިން އެންމެ ބޮޑު ހަނދެވެ. 1978 ގައި ފެނުނު މި ހަނދަކީ ޕްލޫޓޯގެ ޑައިމީޓަރުގެ ދެބައިކުޅައެއްބައި ހުރި ހަނދެކެވެ.
ސައުތްވެސްޓް ރިސަރޗް އިންސްޓިޓިއުޓުގެ ސިލްވިއާ ޕްރޮޓޮޕާޕާ ބުނެފައިވާ ގޮތުގައި ޗަރޯންގެ ސަތަޙައިން ފެނުނު ހައިޑްރޮޖަން ޕެރޮކްސައިޑަކީ އިރުގެ އަލްޓްރާ ވައިލެޓް ރޭޑިއޭޝަންގެ ސަބަބުން ފެނުގެ ގަނޑު ކެމިކަލީ ބަދަލުވުމުން އުފެދޭ އެއްޗެކެވެ. އަދި ކާބަން ޑައިއޮކްސައިޑަކީ ޗަރޯން އުފެދުނު ދުވަސްވަރު އޭގެ އަސްލު ބައެއްގެ ގޮތުގައި އޮތް އެއްޗެއް ކަމަށް ބެލެވެއެވެ.
މި ދިރާސާއިން ލިބުނު އައު މަޢުލޫމާތުތަކަކީ އަޅުގަނޑުމެންގެ ސޯލަރ ސިސްޓަމްގައިވާ އެހެނިހެން ކުދި ޖިސްމުތަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ޕްރޮޓޮޕާޕާ ބުނެފައިވެއެވެ. މި ހޯދުންތައް ވަނީ "ނޭޗަރ ކޮމިއުނިކޭޝަންސް" ޖާނަލްގައި ޝާއިޢުކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!