ގަވާއިދުން ބޭރުންއުޅޭ ބިދޭސީންގެ މައްސަލަހައްލުކުރުމުގެ ސިލްސިލާ މާސް އިންސްޕެކްޝަންގެ ދެވަނަ އިންސްޕެކްޝަން މިއަދު ހުޅުމާލޭގައި ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ، މާސް އިންސްޕެކްޝަންގެ ދެވަނަ އިންސްޕެކްޝަން މިއަދު ހުޅުމާލޭގައި ފަށައިގެން ކުރިއަށް ދާކަމަށެވެ.
މިގޮތުން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ މި އިންސްޕެކްޝަންގައި ހުޅުމާލޭގެ ފޭސް 01 އަދި 02 ހިމެނޭހެން 27 ޒޯނެއް ބަލައި ފާސްކުރާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މި ހަރަކާތުގެ މަޤްސަދަކީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެފަރާތްތަކަށް އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި، އަދި މިފަދަ ބިދޭސީން ލައްވައި މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްދިނުމެވެ.
މި އޮޕަރޭޝަނަކީ އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ މި އޮޕަރޭޝަން ފެށީ ފާއިތުވި އަހަރު އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން އަށް އަހަރުގެ ސެޕްޓެމްބަރު 17 އަށް ވަނީ 10 މަސް ވެފައެވެ. މި މުއްދަތުގެ ތެރޭގައި ގަވާއިދުން ބޭރަށް ރާއްޖޭގައި އުޅެމުން އައިކަމަށް ފާހަގަވި 4،054 ބިދޭސީން ވަނީ ޤައުމަށް ފޮނުވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!