ފެނަކަ ކޯޕަރޭޝަނަށް ފޭކް ސްޕެއާތަކެއް ބޮޑު އަގުގައި ގަނެފައިވާކަމަށް ރަޖިސްޓަރ އޮންލައިން ނޫހަކުން ޝާއިއުކޮށްފައި ވަނީ ނުހިނގާކަމެއް ހިނގިކަމަށް ދައްކައި، ހަގީގަތެއްނެތް ދޮގު ޚަބަރެއްކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ޚަބަރު ދޮގުކޮށް ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުންޏަށް ބޭނުންވާ ސްޕެއާ ގަތުމުގެ މަސައްކަތް އަދި އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ. އެހެންކަމުން އެ ކުންފުންޏަށް ފޭކް ސްޕެއާތަކެއް ބޮޑު އަގުގައި ގަނެފައިވާކަމަށް ބުނެފަތުރާފައިވާ ޚަބަރަކީ އަސްލެތްނެތް ސާފު ދޮގެއްްކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

ފެނަކައިން ބުނީ އެ ޚަބަރުގައި ބުނާ މުދަލަކީ އެ ކުންފުންޏަށް ގަނެފައިވާ މުދަލެއް ނޫންކަމަށާއި، އަދި އެއްވެސް ވަރަކަށް ފައިސާ ދައްކާފައިވާ މުދަލެއް ވެސް ނޫންކަމަށެވެ.

އެހެންކަމުން ދައުރުކުރަމުންދާ ޚަބަރުގައި މަސައްކަތްކޮށްފައި ވަނީ ނުހިނގާކަމެއް ހިނގިކަމެއްގެ ގޮތުގައި ދައްކައި އޮޅުވާލަންކަމަށް ފެނަކައިން ބުނެފަވެއެވެ.

ފެނަކައިން ބުނީ އެ ކުންފުންޏަށް މުދާ ގަންނަނީ އޮންނަ އިޖުރާއަތްތައް ފުރިހަމަކުރުމާއެކު، މުދަލުގެ ފެންވަރާއި އަގާއި، ބޭނުންވާ އަސާސީ ޚިދުމަތުގެ ހާލަތަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށެވެ.

ފެނަކައާއި އައު މެނޭޖްމަންޓުން ހަވާލުވެ އެ ކުންފުންނިން ކުރިން ޢަމަލުކުރަމުން ދިޔަ ޕްރޮކިއުމެންޓް އުސޫލުގައި ހުރި ބާގަނޑުތައް ބައްދައި ހަރުދަނާ އުސޫލެއް ގާއިމުކޮށްފައިވާކަމަށް ފެނަކައިން ބުންޏެވެ. އަދި އެންމެ އިސްކަމެއްގެ ގޮތުގައި ފެންވަރު ދަށް ޚިދުމަތާއި މުދާ ފޯރުކޮށްދެމުންދިޔަ ''ފޭކް'' ކުންފުނިތައް ދޫކޮށްލިކަމަށާއި، ބްލެކް ލިސްޓް ކުރިކަމަށް ފެނަކައިން ބުންޏެވެ.

''އެކަމެއްގެ ސަބަބުން ބައެއް ފަރާތްތަކުގެ ނުރުހުން އަމާޒުވާނެކަން އިނގިތިބެ ވެސް، ފެންވަރުދަށް މުދަލާއި ޚިދުމަތްދޭ ފަރާތްތަކާމެދު ފިޔަވަޅުއަޅާފައި ވަނީ ކުންފުންޏާއި ކުންފުނިން ޚިދުމަތް ހޯދާ ރައްޔިތުންގެ ހައްގުގައެވެ.'' ފެނަކައިން ބުނެފަވެއެވެ.

އެ ކުންފުނިން ވަނީ ހަގީގަތް އޮޅޭގޮތަށް ފަތުރާ ޚަބަރުތަކާމެދު ސަމާލުވެ، ހަގީގަތް ސާފުކުރުމަށް އިލްތިމާސްކޮށްފައެވެ.