ސަރުކާރުހިންގާ އިއްތިހާދުގެ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ދާއިރާތަކުގެ އިންތިޚާބު އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފިއެވެ.

އެޕާޓީން ކުރިން މި އިންތިޚާބު ބާއްވާގޮތަށް ނިންމާފައި އޮތީ މި ފެށޭ އޮކްޓޫބަރު މަހުގެ 19 ގައެވެ.

Ad
rt

ޕީއެންސީން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބު ފަސްކޮށް، އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އެ އިންތިޚާބު ބާއްވަން މިހާރު ނިންމާފައިވާ ކަމަށެވެ.

މި އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމާއެކު، އިންތިޚާބުގައި ވާދަކުރަން ހުޅުވާލި މުއްދަތުވެސް އެޕާޓީން ވަނީ އިތުރުކޮށްފައެވެ. އެގޮތުން މި އިންތިޚާބަށް ކުރިމަތިލުމުގެ މުހުލަތު މިހާރު މިވަނީ އަންނަ އޮކްޓޫބަރުމަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް އިތުރުކޮށްފައެވެ. ކުރިން އޮތީ މި މުއްދަތު ދީފައި އޮތީ މިމަހުގެ 30 ވަނަ ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށެވެ.

ޕީއެންސީން ބުނެފައި ވަނީ އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ބާއްވާ ތާރީޚާއި، ކުރިމަތިލުމަށް ދެވުނު މުއްދަތު އިތުރުކޮށްފައިވަނީ މި މަޤާމުތަކަށް ޝައުޤުވެރިވާ ގިނަ ފަރާތްތަކަކުން އެކަމަށް އެދެމުންދާތީކަމަށެވެ.

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ދާއިރާގެ ރައީސުންނާއި، ނައިބު ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސުންނާއި އަދި
ސްޓިއަރިންގ ކޮމިޓީގެ މެންބަރުން ހޮވާނެއެވެ.

ޕީއެންސީން އަންނަނީ ރާއްޖޭގެ އެންމެ މެންބަރުންގިނަ ޕާޓީގެ މަގާމު ހޯދުމަށް ފުޅާދާއިރާއެއްގައި މެންބަރޝިޕް އިތުރުކުރުމުގެ ހަރަކާތްތައް ވެސް ހިންގަމުންނެވެ.