ރައީސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް އިއްޔެ ޒިޔާރަތްކުރައްވައިފިއެވެ.
ރައީސް ނިއުޔޯކްގައި ހުންނަ ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރެއްވީ، އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް ގޫގުލް އޮފީހަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީ.އީ.އޯ، ކެރެން ދޭހަތް އެވެ.
ރައީސް އޮފީހުން ބުނީ، ރައީސްގެ މި ޒިޔާރަތުގައި ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު އެ އޮފީހުގައި މަސައްކަތްކުރާ ގޫގުލްގެ ޓީމާ ރައީސް ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ޙައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގައި ގިނަ ޤައުމުތަކެއްގެ އިސްވެރިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން ގިނަ ޤައުމުތަކެއްގެ އިސް ޑިޕްލޮމެޓުންނާއި ވެސް ވަނީ ބައްދަލުކުރަށްވާފައެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ގިނަ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެން ސަމިޓް އޮފް ދަ ފިއުޗަރ "އިންޓަރެކްޓިވް ޑައެލޮގް 3؛ ޓުވަރޑްސް އަ ކޮމަން ޑިޖިޓަލް ފިއުޗަރ"ގެ ކޯ-ޗެއަރކަން ވެސް ވަނީ ކުރަށްވާފައެވެ. އަދި އެމެރިކާގެ ނިއު ޖާރސީގެ ޕްރިންސްޓަން ޔުނިވަސިޓީއަށް ވަޑައިގެން ތަގުރީރުކުރަށްވާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!