ދިވެހިރާއްޖެއިން، ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ދެމިތިބޭނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ ހައި-ލެވެލް ޕްލެނަރީ މީޓީންގ އޮން އެޑްރެސިންގ އެގްޒިސްޓެންޝަލް ތްރެޓްސް ޕޯޒްޑް ބައި ސީ-ލެވެލް ރައިޒްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މި ސެޝަންގެ މައުޟޫއަކީ "ދިރިއުޅުން ބިނާވެފައިވާ މަސައްކަތް، އިޖްތިމާޢީ-އިޤްތިޞާދީ ގޮންޖެހުންތައް އަދި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ތަރިކައާ ސަޤާފަތާ ހުރިގުޅުން" އެވެ.

މި ސެޝަންގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އެއްވެސް ދިވެއްސަކު އަމިއްލަ ރުހުމުގައި އެމީހެއްގެ އަމިއްލަ ރަށް ދޫކޮށް ދާން ނޭދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހީން، ދިވެހީންގެ ރަށްތަކުގެ ޙިމާޔަތުގައި މަސައްކަތް ކުރާނެކަމަށާއި، ދިވެހިރާއްޖެއިން، ރާއްޖޭގެ ރަށްތައް ސަލާމަތްކުރުމުގައި ދެގޮތެއްނުވެ ދެމިތިބޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

މި ސެޝަނުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކަނޑުގެ ލޮނުގަނޑު އުފުމުގެ ސަބަބުން ކުރިމަތިމާ ނޭދެވޭ އަސަރުތައް ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަތުމަށް އެދިވަޑައިގެން، މިކަމާގުޅޭ ގޮތުން މައިގަނޑު ތިން ނުކުތާއެއް ފާހަގަކުރައްވާފައެވެ.

މިގޮތުން ރައީސް ފާހަގަކުރެއްވި ނުކުތާތަކަކީ،

  • އިޤްތިޞާދު ސިންދަފާތުކުރުމާއި އަދި ކަނޑުފަޅުގެ ދިރުންތަކުގެ މައްޗަށް ބިނާވެފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރާ ދިރިއުޅުމުގެ މަސައްކަތްތައް ޙިމާޔަތްކުރަންޖެހޭކަން،
  • ޒުވާނުން އަދި އަންހެނުންނަށް އިސްކަންދީގެން މުޖުތަމަޢުތައް ބާރުވެރިކޮށް، ސަޤާފަތާއި ތަރިކަ އަދި އަމިއްލަވަންތަކަން ޙިމާޔާތްކުރުމުގެ މުހިންމުކަން،
  • ކަނޑުގެ ލޮނުގަނޑު އުފުލުގެ ނުރައްކަލާ އެއްވެސް ޤައުމެއް ގިނިކަންޏާ ކުރިމަތިލައި، ޙައްލު ހޯދަންޖެހިގެންނުވާނެކަމަށާއި، މި މައްސަލައިގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުން މަސައްކަތް ކުރަންޖެހޭކަން

ރައީސްގެ ވާހަކަފުޅުގައި ވަނީ އަންނަން އޮތް ޖީލުތަކުގެ ދިރިއުޅުމަށާއި ސަޤާފަތްތައް ހިމާޔަތްކުރެވިފައިވާ އަމާން މުސްތަޤްބަލެއް ލިބެންޖެހޭކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިކަމުގައި ހަރުދަނާ ގޮތްތަކެއް ނިންމުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.