މެޓާ ކުންފުނިން އެ ކުންފުނީގެ އަހަރީ ކޮނެކްޓް ކޮންފަރެންސްގައި އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) އައިނުގެ ޕްރޮޓޯޓައިޕެއް ހާމަކޮށްފިއެވެ. "އޯރިއަން" މިނަން ދީފައިވާ މި އައިނަކީ ހަޤީޤީ ދުނިޔެއާއި މަޖާޒީ ދުނިޔެ އެއްކޮށްލުމަށް މެޓާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާމަކުރި އެއްޗެކެވެ.
މެޓާގެ ސީއީއޯ މާކް ޒަކަބާގް ވިދާޅުވި ގޮތުގައި މި އައިނަކީ "ހޮލޮގްރާމްތަކެއް އޯވަލޭކޮށްފައިވާ ފިޒިކަލް ދުނިޔެއެކެވެ." މި އައިނަކީ މެގްނީޒިއަމް އެލޯއިން ހަދާފައިވާ، މެޓާއިން ޚާއްޞަކޮށް ފަރުމާކުރި ސިލިކޮނުން ރަން ކުރާ އުފެއްދުމެކެވެ. މީގެ އިތުރުން އަތުގެ ހަރަކާތާއި އަޑު އަދި މައިދާނުގެ ނިއުރަލް އިންޓަފޭސް މެދުވެރިކޮށް މި އައިނާއި މުޢާމަލާތްކުރެވޭނެއެވެ.
އާންމުންނަށް މި އައިނު ވިއްކަން ފަށާނީ 2027 ވަނަ އަހަރުގައި ކަމަށް ބެލެވެއެވެ. އޭގެ ކުރިން އައިނުގެ ސައިޒު ކުޑަކޮށް، ރީތިކޮށް އަދި އަގުހެޔޮކުރުމަށް މަސައްކަތްކުރާނެ ކަމަށް ޒަކަބާގް ވިދާޅުވިއެވެ.
މީގެ އިތުރުން މެޓާއިން އައު ކުއެސްޓް މިކްސްޑް-ރިއަލިޓީ ހެޑްސެޓެއްވެސް ވަނީ ތަޢާރަފުކޮށްފައެވެ. އަދި މެޓާގެ ޗެޓްބޮޓްގެ އައު ޚާއްޞިއްޔަތުތަކެއްވެސް ދައްކާލާފައިވެއެވެ. މީގެ ތެރޭގައި އަޑުން މުޢާމަލާތްކުރެވޭ އެހީތެރިއެއް ހިމެނެއެވެ. މި އެހީތެރިއަށް މަޝްހޫރު ތަރިންގެ އަޑުވެސް ލެވިދާނެއެވެ.
މި އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމާއެކު މެޓާގެ ހިއްސާގެ އަގު ރެކޯޑު އަދަދަކަށް އަރައިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!