އިންޑިއާގެ މުންބާއީ ސިޓީއާއި އެ ސަރަހައްދުގެ އެހެން ބައެއް ސިޓީތަކަށް ބުދަ ދުވަހުގެ ރޭ ވަރަށް ބޯ ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވެ، އުޅަނދުފަހަރު ދުއްވުމަށް ދަތިތަކާ ކުރިމަތިވެއްޖެއެވެ.
އިންޑިއާގެ މޫސުމާބެހޭ ޑިޕާޓްމަންޓް (އައިއެމްޑީ) އިން ވަނީ މުންބާއީއަށް ރެޑް އެލަރޓެއް ދީފައެވެ. މި އެލަރޓް ބުރާސްފަތި ދުވަހުގެ ހެނދުނު 8 އަށް ދެމިގެންދާނެ ކަމަށް ބުނެއެވެ. މި އެލަރޓާ ގުޅިގެން މުންބާއީ ސިޓީގެ އިދާރާތަކުން ވަނީ ސެޕްޓެމްބަރ 26 ގައި ސިޓީގެ ހުރިހާ ސްކޫލުތަކަކާއި ކޮލެޖުތަކެއް ބަންދުކުރުމަށް ނިންމާފައެވެ.
މި ވިއްސާރައިގެ ސަބަބުން ސެންޓްރަލް ރެއިލްވޭގެ ބައެއް ޚިދުމަތްތަކަށާއި ބައެއް ވައިގެ ދަތުރުތަކަށް ވެސް ވަނީ އަސަރުކޮށްފައެވެ.
އައިއެމްޑީގެ މުންބާއީ ރީޖަނަލް މެޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި، މުސުމީ ވިއްސާރައިގެ ސަބަބުން ގަދަ ވައި ޖެހުމުގެ ފުރުޞަތު އޮތެވެ. ވައިގެ ބާރުމިން ގަޑިއަކު 40-50 ކިލޯމީޓަރަށް އަރާނެ ކަމަށް ވެސް ލަފާކުރެވެއެވެ.
އައިއެމްޑީ ޕޫނޭގެ ވެރިޔާ ކޭ.އެސް. ހޯސަލިކަރ ވިދާޅުވެފައިވަނީ މުންބާއީ، ތާނޭ އަދި ނަވީ މުންބާއީ ސަރަހައްދުތަކަށް މެދުމިންވަރަކަށް ވިއްސާރަވެހި، އަދި ކުރިއަށް އޮތް ގަޑިތަކުގައި ވެސް މި ޙާލަތު ދެމިގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!