އެކުވެރި ދައުލަތް (އދ.)ގެ ޤަރާރުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފުވެ، އިސްރާއީލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގޮވައިލައްވައިފިއެވެ.
ރައީސް މިފަދައިން ގޮވައިލެއްވީ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ތަޤްރީރު ކުރަށްވަމުންނެވެ.
މި ގޮވައިލެއްވުމާއެކު ރައީސް މުޢިއްޒު ވަނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ޖެހޭކަމަށް އެ މަނިކުފާނު ކުރައްވާ އިލްތިމާސް، ތަކުރާރުކުރަށްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ޤައުމަކުން އިންސާނީ ޙައްޤުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަޙައްމަލުކޮށްގެން ތިބެގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ޙާލަތެއްގައި، އެ ޤައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ޤައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ފަލަސްތީނުގެ ޣައްޒާގެ ޙާލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަޤުވާމީ ނިޒާމުގެ ނާކާމިޔާބީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރައްވައި އިސްރާއީލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އިސްރާއީލުގެ އެ ޖަރީމާތަކުގެ ސަބަބުން، އަންހެނުންނާއި ކުޑަކުދިންނާއި ތުއްތު ކުދިން ހިމެނޭހެން، ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއް މަރުވެ، ޒަޚަމްވަމުންދާކަން ފާހަގަކުރަށްވައި ފަލަސްތީނުގެ ޙައްޤުގައި އަޑު އުފުލެއްވިއެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރާއި، ހަސްފަތާލުތަކާއި، ސްކޫލްތަކާއި އަދި އިންސާނީ އެހީތެރިކަމަށް ބޭނުންކުރާ ވަޞީލަތްތަކަށް އަމާޒުކޮށްގެން އިސްރާއީލުން ދޭ ހަމަލާތަކަށް ފާޑުވިދާޅުވެ، ޣައްޒާގައި ޢާންމުން މަރުވަމުންދާ މިންވަރު ދުނިޔެއަށް ބަލައިނުގަނެވިގެން އުޅެނިކޮށް، މިހާރު އިސްރާއީލުން ލުބްނާނަށް ޙަމަލާދީ، އެ ޙަމަލާތަކުގައި އެތައް ސަތޭކަ ޢާންމުންނެއް މަރުވަމުންދާކަން ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
އދ. އާންމު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވަނީ، ފަލަސްޠީނާއި ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!