ފެނަކަ ކޯޕަރޭޝަނަށް ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށް އަޅަމުން އަންނަ ފިޔަވަޅުތަކާއެކު އެ ކުންފުނީގެ ހިންގުމުގެ ޚަރަދު، މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ %60 ކުޑަކޮށްފިއެވެ.
އައު ވެރިކަމާއެކު ފެނަކައިގެ އައު މެނޭޖްމަންޓާއި ކުންފުނި ހަވާލުވިއިރު ކުންފުނި އޮތީ ވަރަށް ހާލުގައި ކަމަށާއި، ކުންފުނިން ކުރަމުން އައި ބޭކާރު ޚަރަދުތަކުގެ ސަބަބުން ކުންފުނީގެ ދަރަނި ބޮޑުވެފައިވާކަމަށް އައު މެނޭޖްމަންޓުން ކުރިން ހާމަކުރިއެވެ. އެ ކުންފުނީގެ ދަރަނި 4.3 ބިލިޔަން ރުފިޔާއަށް އަރައެވެ. އެހެންކަމުން ކުންފުނި ސަލާމަތްކުރެވޭނީ ބޭކާރު ޚަރަދުތައް ކުޑަކޮށް ފިޔަވަޅުތައް އަޅައިގެން ކަމަށް ވެސް ބުންޏެވެ.
މިގޮތުން އެ ކުންފުނިން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން 2020 ވަނަ އަހަރުން ފެށިގެން އިންހައުސްކޮށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކަކީ، މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، ކުންފުންޏަށް ނުހަނު ގެއްލުވާ ގޮތަށް، ބޭނުންވާ އަދަދަށްވުރެ އިތުރަށް މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކެއް ކަމަށެވެ. އެހެންކަމުން ކުންފުނި މިހާރު ތަޙައްމަލް ކުރަމުންދާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ނުނިމި ދިގުލައިގެން ގޮސްފައިވާ ޕްރޮޖެކްޓްތައް، ޚަރަދު ކުޑަ އުސޫލަކުން ކުރިޔަށް ގެންދިޔުމަށްޓަކައި އެ ޕްރޮޖެކްޓްތަކަށް ނަގާފައިވާ މުވައްޒަފުން ދޫކޮށްލުމަށް އެ ކުންފުނީގެ ބޯޑުން ނިންމައި އެކަން ވެސް ވަނީ ތަންފީޒު ކުރަން ފަށާފައެވެ.
މީގެ އިތުރުން ކުރިން ނުއަގުގައި ހޯދަމުން އައި ޚިދުމަތްތައް އަމިއްލައަށް ކުރަންފަށައި، އަދި ކުންފުނީގެ މެޝިނަރީޒް ސަރވިސް ކުރުމަށް އިންވެސްޓް ކުރުމާއި، ޑީސަލަށް ކުރަމުންދާ ޚަރަދު އެތައް ތަނަކުން ކުޑަކުރުމުގެ ވަނީ ފިޔަވަޅުތައް ވެސް އަޅާފައެވެ.
ފެނަކައިން ވަނީ އެ ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް މީޑީއާއާއި ހިއްސާކުރަމުން މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ، މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ފެނަކައިގެ ހަރަދު 60 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ.
މުއާޒު ވިދާޅުވީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ކުރީގެ ސަރުކާރުގެ ދުވަސްވަރު ސީއެސްއާރަށް 9.4 މިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް އިރު މި އަހަރު ހޭދަކުރީ 174،000 ރުފިޔާ ކަމަށެވެ. އެއީ 98 ޕަސެންޓުގެ ދަށްވުމެކެވެ.
ފެނަކައިން ޙިއްސާކުރި މަޢުލޫމާތަށް ބަލާއިރު 2023 ވަނަ އަހަރުގެ ޖެނުއަރީން އޮގަސްޓުގެ ނިޔަލަށް އެކުންފުނީގެ ހިންގުމުގެ ޚަރަދުތައް ހުރީ 150.6 މިލިޔަން ރުފިޔާގައެވެ. ނަމަވެސް 2024 ވަނަ އަހަރު ފާއިތުވި މުއްދަތުގައި ފެނަކައިގެ ހިންގުމުގެ ޚަރަދަކީ 59.9 މިލިޔަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %60 ގެ ކުޑަވުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!