މާލީގޮތުން ވެއްޓިފައިވާ އަނދަވަޅުން ކުންފުނި ސަލާމަތް ކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތަކެއް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން ބުނީ އެ ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޚިދުމަތް ދިނުމުގައި ޚަރަދު ކުޑަ ގިނަ އުޞޫލުތަކެއް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވަ ކަމަށެވެ.

Ad
rt

ޚަރަދުކުޑަކުރުމަށް ފެނަކައިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް

މާލީގޮތުން ކުންފުނި އަމާން އައްސޭރިއަކަށް ގެންދިޔުމަށް އެ ކުންފުނިން ފަށާފައިވާ މަސައްކަތުގެ ތެރޭގައި، މީގެ ކުރިން ނުއަގުގައި ހޯދަމުން އައި ޚިދުމަތްތައް އަމިއްލައަށް ކުރަންފަށާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ކުންފުނީގެ މެޝިނަރީޒް ސަރވިސް ކުރުމަށް އިންވެސްޓް ކުރުމާއި، ޑީސަލަށް ކުރަމުންދާ ޚަރަދު އެތައް ތަނަކުން ކުޑަކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައިވާ ކަމަށް ބުނެއެވެ.

ކުންފުނީގެ ޚަރަދު ކުޑަކޮށް، މާލީ ހާލަތު ހަމަމަގަށް އެޅުވުމަށް އެޅި މުހިންމު އަނެއް ފިޔަވަޅަކީ، އެ ކުންފުނީގެ ބޭނުންތަކަށް މުދާ އުފުލުމަށް، ދަތުރުތަކަށް މަހެއްގެ މައްޗަށް 7 މިލިއަން ރުފިޔާއަށްވުރެ މަތިން ކުރަމުން އައި ޚަރަދަށް ނިމުމެއް ގެނައުންކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ޚަރަދު ނިމުމަކަށް ގެނެސް ޚަރަދު ކުޑަކުރުމަށް ފެނަކައިން ކުރު މުއްދަތަށް ދޯނި ކުއްޔަށް ހިފައިގެން މުދާ އުފުލުމުގެ ދަތުރުތައް ކުރަން ވަނީ ފަށާފައެވެ.

''މި ބަދަލުގެ ސަބަބުން، އަހަރަކު އެތައް މިލިއަނެއް ސަލާމަތް ކުރެވޭނެ'' ފެނަކައިން ބުނެފައިވެއެވެ.

އެ ކުންފުނިން މިހާރު ވަނީ މެޝިނަރީސް، އަދި ބޮޑެތި އިކުއިޕްމަންޓް އުފުލުމަށް ބޭނުންކުރާ ހެވީ ވެހިކަލާއި ލޭންޑިން ކްރާފްޓްތައް ހޯދުމަށް ނިންމާފައެވެ. މި ނިންމުމުގެ ސަބަބުން އެކަމަށް ކުރިން ކުރަމުންއައި ހޭދަ އެތައް ގޮތަކުން ކުޑަވެގެންދާނެ ކަމެއްކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ފެނަކައިން ޚަރަދު ކުޑަކުރުމަށް ކުރަން ނިންމާފައިވާ އެންމެ މުހިއްމު އެއް އިންވެސްޓްމަންޓް

ފެނަކައިން ޚަރަދު ކުޑަކުރުމަށް ކުރުމަށް އެ ކުންފުނިން ވަނީ ސަރވިސް އަދި ޓްރެއިނިން ފެސިލިޓީއެއް ޤާއިމްކުރުމަށް ނިންމާފައެވެ. މި ފެސިލިޓީ ޤާއިމުކުރުމަށް ޖުމްލަ 61 މިލިއަން ޚަރަދުވާއިރު، މި ފެސިލިޓީއާއެކު، ކުންފުނީގެ މެޝިނަރީސް އަދި އިކުއިޕްމަންޓްތައް މަރާމާތު ކުރުމަށް އަމިއްލަ ފަރާތްތަކާއި ޙަވާލުނުކޮށް، އަވަސް މުއްދަތެއްގެ ތެރޭގައި، ފެނަކަ ސަރވިސް ފެސިލިޓީގައި ތާވަލުކޮށްގެން ހަރުދަނާ ޢުސޫލަކުން އެ މައްސަކަތް ކުރެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މި ފެސިލިޓީ ޤާއިމްކުރެވި ހިންގަން ފެށުމުން، އަހަރެއްގެ މައްޗަށް 50 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް އެ ކުންފުނިން އަންދާޒާ ކޮށްފައިވާއިރު، އަދި އަލަށް ޤާއިމް ކުރެވޭ ފެސިލިޓީން ރިސޯޓްތަކަށާއި، އަމިއްލަ ފަރާތްތަކުގެ އުޅަނދުތަކަށާއި، ސަރުކާރުގެ އެހެން ކުންފުނިތަކަށް ޚިދުމަތް ދިނުމަކީވެސް އެ ކުންފުނީގެ އަމާޒެކެވެ.

ފެނަކަ އިންހައުސް ސޯލާ ޕްރޮގްރާމް ފަށައި، ޑީސަލަށް ކުރާ ޚަރަދު ކުޑަކުރުން

ފެނަކަ އިންހައުސް ސޯލާ ޕްރޮގްރާމް ފަށައި، ޑީސަލަށް ކުރާ ޚަރަދު ކުޑަ ކުރުމަކީވެސް ޚާއްސަ އިސްކަމެއް ދީގެން އެ ކުންފުނިން ކުރަމުން ގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމުގެ ދަށުން، ފެނަކައިން ޚިދުމަތް ދޭ ހުރިހާ ރަށެއްގައި ޤާއިމްކޮށްފައިވާ ފެނަކައިގެ އިންޖީނުގެތަކާއި އޮފީސް އިމާރާތްތަކުގައި ސޯލާ ހަރުކުރަން ވަނީ ނިންމާފައެވެ. ޚަރަދުގެ ގޮތުގައި ޖުމްލަ 92 މިލިއަން ރުފިޔާ ހޭދަވާނެ، މި މަޝްރޫޢުގެ ދަށުން އަހަރަކު 2.6 މިލިއަން ލީޓަރ ޑީސަލް ސަލާމަތް ކުރެވޭނެކަމަށް ފެނަކައިން ވަނީ އަންދާޒާކޮށްފައެވެ. އެއީ އަހަރަކު 19.9 މިލިއަން ރުފިޔާގެ ޑީސަލެވެ.

މި މަޝްރޫގެ ދަށުން 18 އަދި 30 ކވ ގެ ގްރިޑް ޓައިޑް ސޯލާ ހަރުކުރެވޭއިރު މި މަޝްރޫޢު ފޯމިއުލޭޓްކޮށް އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށް ފެނަކައިން ވަނީ ލަފާކޮށްފައެވެ.

ފިއުލް މޮނިޓަރިން ސިސްޓަމް ތައާރަފްކޮށް ފިއުލް ފްލޯ މީޓަރ ހަރުކުރުން

އެ ކުންފުނީގެ ފިއުލް މޮނިޓަރިން ސިސްޓަމް ތައާރަފްކޮށް ފިއުލް ފްލޯ މީޓަރ ހަރުކުރުމަކީ ވެސް ޚަރަދުތައް ސަލާމަތްކުރުމަށް ފެނަކައިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މީގެ ސަބަބުން ތެލުގެ އިންވެންޓްރީ އާއި ތެޔޮ ބޭނުންކުރާ މިންވަރު ހަރުދަނާ ގޮތެއްގައި ބެލެހެއްޓި، ތެޔޮ ލީކްވުން ފަދަ ކަންކަން ދެނެގަނެ އެކަންކަން ހައްލުކުރުމުގެ ފިޔަވަޅުތައް އެޅޭނެއެވެ.

ކުންފުނި ރައިޓް ސައިޒްކޮށް، އެސްއާރުގެ ދަށުން ކުރަމުންއައި ބޮޑެތި ހޭދަތައް ހުއްޓާލުން

ފެނަކައިން ފާހަގަކުރާ ގޮތުގައި އެ ކުންފުނިން ދޭ ޚިދުމަތްތަކަށް ބޭނުންވާ އަދަދަށްވުރެ މުވައްޒަފުންގެ އަދަދު އެތައް ގުނައެއް އިތުރުވުމަކީ، ކުންފުނިން މަހުންމަހަށް ކުރަން ޖެހޭ ޚަރަދު އެންމެ ބޮޑުވާ މައިގަނޑު ސަބަބެވެ. އެހެންކަމުން، ފެނަކައިން ދެމުންގެންދާ ޚިދުމަތްތަކާ އެކަށީގެންވާ ގޮތަށް ކުންފުނި ރައިޓް ސައިޒް ކުރުން ވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ހަމަމިއާއެކު، އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރަމުންއައި ބޮޑެތި ހޭދަތައް ހުއްޓާލަން ވަނީ ނިންމާފައެވެ. އަދި އެފަދަ ޙަރަކާތްތަކަށް ދެން އެކުންފުނިން ދޭނީ ހަމައެކަނި ފަންނީ އެހީތެރިކަމެވެ.

ފެނަކައިގެ އައު މެނޭޖްމަންޓް ހަވާލުވެ މިވީހާތަނަށް ގެނައި އެކި ބަދަލުތަކާއެކު، ކުންފުނީގެ މާލީހާލަތުގެ މިސްރާބު ރަނގަޅު ވެފައިވާކަން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު ވެސް ވަނީ ވިދާޅުވެފައިވެއެވެ.

''ޚަރަދު ކުޑަކުރަން އެޅުނު ހަރުދަނާ ފިޔަވަޅުތަކާއިއެކު ކުންފުނީގެ އަމާޒަކީ، ދަރައިން ސަލާމަތްވެ މުސްތަޤުބަލުގައި ފައިދާ ނެރެވޭނެ ކުންފުންޏަކަށް ހެދުން'' ފެނަކައިން ބުނެފަވެއެވެ.

ނޯޓު: މިއީ ފެނަކައިގެ އެޑްވަޓޯރިއަލްއެކެވެ.