ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި އެއާޕޯޓް ހަދަން ހިއްކާ ބިމުގެ 90 އިންސައްތައަށް ވުރެ ބޮޑުބައިގެ މަސައްކަތް ނިންމާލައިފިއެވެ.

މަކުނުދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެ މަސައްކަތް ކުރަމުން އަންނަނީ ބިގް ފިޝް މޯލްޑިވްސް އިންނެވެ. އެ ކުންފުންޏާއި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަހަރެއްތެރޭ ނިންމުމަށެވެ.

Ad
rt

ބިން ހިއްކުމުގެ މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ، މަސައްކަތު ސައިޓުގައި ސިލިންޑަރެއް ގޮވައި ދެ ބިދޭސީއަކު މަރުވި ހާދިސާއާއި ގުޅިގެން އެ މަސައްކަތް ދުވަސްކޮޅަކަށް މެދު ކެނޑިފައިވެއެވެ. މެދުކެނޑުމަށް ފަހު އަލުން މަސައްކަތް ފެށީ މިދިޔައ ަހަރުގެ ނޮވެމްބަރު މަހުއެވެ.

މަކުނދޫ އެއާޕޯޓް ހަދަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއް ޑްރެޖަރު ބޭނުން ކޮށްގެން ފެށި ނަމަވެސް ބިގް ފިޝް ކުންފުނިން ވަނީ މި އަހަރުގެ ޖަނަވަރީ މަސްތެރޭ އިތުރު ޑްރެޖަރެއް އެ ރަށަށް ގެންގޮސް ދެ ޑްރެޖަރު ބޭނުން ކޮށްގެން ބިން ހިއްކަން ފަށައި މަސައްކަތް ހަލުވިކޮށްފައެވެ.

ކަނޑައެޅިފައިވާ ތާރީހަށް ނިންމާނުލެވުނު ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގައި ކޮންޓްރެކްޓަރ ލަފާކުރެއެވެ.

މަކުނުދޫ ބިން ހިއްކާ އެރަށުގައި އެއަރޕޯޓު ތަރައްގީ ކުރުމަކީ މަކުނުދޫ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ މުހިއްމު މަޝްރޫއެކެވެ. 1800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އެރަށަކީ އަތޮޅުގެ އެހެން ރަށްތަކާއި ވަކިން ދުރުގައި އޮންނަ ރަށެކެވެ.

މަކުނުދޫ އެއަރޕޯޓު ތަރައްޤީކުރުމަށް 43.12 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. ބިގް ފިޝް މޯލްޑިވްސްއާއި މިމަސައްކަތް ޙަވާލުކޮށްފައިވަނީ 16 މިލިޔަން ޑޮލަރަށެވެ.