ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ވިޔަރެއާލް ބައްދަލުކުރި މެޗުން ފަސޭހަކަމާއިއެކު ބާސާ މޮޅުވި ނަމަވެސް އެ ޓީމްގެ އެއް ނަމްބަރު ކީޕަރ މާކް އަންދްރޭ ޓަ ސްޓެގެންއަށް ސީރިއަށް އަނިޔާއެއްވެއްޖެއެވެ.
މި ސީޒަންގައި ބާސާއިން ދައްކަމުން އަންނަ ކުޅުން ރޭ މެޗުގައި ވެސް ވަނީ ތަކުރާރު ކޮށްފައެވެ. މެޗުގައި ފުރަތަމަ ލަނޑު 20 ވަނަ މިނެޓްގައި ޖަހައިދިނީ ލެވަންޑޯސްކީއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިއާ ތެރެއިން ޕަބްލޯ ޓޯރޭސް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. އޭގެ ފަނަރަ މިނެޓް ފަހުން ލެވަންޑޯސްކީ ވަނީ ބާސާއަށް ދެވަނަ ލަނޑު ޖަހައިދީފައެވެ.
ކައުންޓަ އެޓޭކްގައި ބާސާގެ ގޯލަށް ނުރައްކާކުރަމުން ދިޔަ ވިޔަރެއާލުން، އެ ޓީމުން ޖެހި ހަމައެކަނި ލަނޑު 38 ވަނަ މިނެޓުގައި ޖަހައިދިނީ އަޔޯޒޭ ޕެރޭޒްއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ނިކްލަސް ޕެޕޭގެ އެހީތެރިކަމާއި އެކުއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ބާސާގެ ކީޕަރ ޓަ ސްޓެގެންގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާ ބާލަން ޖެހުނެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ ކޯޗް ފްލިކް ބުނީ ކީޕަރަށް ލިބުނު އަނިޔާ އަކީ ސީރިއަސް އަނިޔާ އަކަށްވުން ގާތް ކަމަށެވެ. އަދި ބޮޑަށް ބެލެވޭ ގޮތުން ސްޓެގެންގެ ލިގަމެންޓް އަށް އަނިޔާވުން އެކަށީގެންވާ ކަމަށެވެ. އަދި އެއީ، ލިގަމެންޓްގެ ސީރިއަސް އަނިޔާ އެއް ނަމަ މި ސީޒަނުގައި ދެން ސްޓެގެން ނުފެނުން ގާތް ކަމަށް ވެސް ފްލިކްގެ ވާހަކައިގައި ފާހަގަކުރިއެވެ.
ބާސާގެ ތިންވަނަ ލަނޑު 58 ވަނަ މިނެޓުގައި ޖަހައިދިނީ ޕަބްލޯ ޓޯރޭއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ޕެޑްރީގެ އެހީތެރިކަމާއި އެކުއެވެ. ބާސާގެ ފަހު ދެ ލަނޑު ޖެހީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާއެވެ.
މެޗުގައި ހެޓްރިކް ހަދަން ރަނގަޅު ފުރުސަތެއް ލެވަންޑޯސްކީއަށް ލިބުނެވެ. މެޗުގެ 67 ވަނަ މިނެޓުގައި ލެމީން ޔަމާލްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ލެވަންޑޯސްކީ ފޮނުވާލިއިރު އެ ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
ބާސާއިން މިވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން ހަ މެޗުން ވެސް މޮޅުވެފައެވެ. އެ ޓީމް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑަށް 6 މެޗުން ލިބިފައި ވަނީ 14 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!