ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ފަސޭހަކަމާއިއެކު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ބަލިކޮށް ކުޅުދުއްފުށީ ކްލަބް ކޮރަލްސް އިން ޗެމްޕިއަންކަން ހޯދައިފިއެވެ.
އިއްޔެ ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ނޮޅިވަރަންފަރުގެ މައްޗަށް ކޮރަލްސް އިން ކުރި ހޯދީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ހާފު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ފުރަތަމަ ހާފުގައި ފެނުނު ކުޅުމާއި ބަލާފައި ދެވަނަ ހާފުގައި ފޯރި ގަދަވާނެ ކަމަށް ބެލެވުނު ނަމަވެސް ކޮރަލްސް އިން ވަނީ އެންމެ 15 މިނެޓްގެ ތެރޭ ފަސް ލަނޑު ޖަހައި ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެފައެވެ.
އެ ޓީމްގެ ފުރަތަމަ ލަނޑު 61 ވަނަ މިނެޓުގައި އަހްމަދު ދާއޫދު (ޑޭވިޑް) ޖަހައިދިން އިރު، އޭގެ ހަތަރު މިނެޓް ފަހުން ދެވަނަ ލަނޑު ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އިބްރާހީމެވެ. މެޗުގެ ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު އެ ޓީމްގެ ބިދޭސީ ފޯވާޑް ޕްރިންސް ލާބީ ޖެހީ 68 ވަނަ މިނެޓާއި 71 ވަނަ މިނެޓުގައެވެ. އެ ޓީމްގެ ފަސްވަނަ ލަނޑު 76 ވަނަ މިނެޓުގައި ޖަހައިދިނީ ޒައިދު މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޮރަލްސްއަށް ދެވަނަ ލަނޑު ޖަހައިދިން ބިދޭސީ ކުޅުންތެރިޔާ އިބްރާހީމެވެ.
މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ހޯދައިފައިވަނީ ނޮޅިވަރަންފަރު ޓީމްގެ މުހައްމަދު ނިޒާމެވެ. އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު ހޯދީ އެޓީމުގެ އައްޒާމް އެވެ.
މުބާރާތުގައި ފާހަގަ ކޮށްލެވޭ ގިނަ ވަނަތަކެއް ގެންދިޔައީ ކްލަބް ކޮރަލްސްގެ ސާލިމް މުހައްމަދު (ލިމޭ) އެވެ. ލިމޭ ވަނީ އެންމެ މޮޅު ފޯވާޑްގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. އޭނާ ވަނީ މުބާރާތުގައި 9 ގޯލު ޖަހާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.
މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަގާމަށް ކޮރަލްސްގެ ކީޕަރ މާހީ ހޮވުނުއިރު، އެންމެ އުންމީދީ ކުޅުންތެރިއަކީ މަގުލަހުގެ އަނޫސްއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ކޮރަލްސްގެ ކޯޗް އާސިފްއެވެ
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ހަނިމާދޫ ސާއްބަ އެކުވެރި ކްލަބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!