ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި މުހައްމަދު ސަމާހު މެރުމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ކ. ކާށިދޫގައި ޖުލައި، 2012 ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ސުވާސާގޭ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ.
އެ މައްސަލަ ސަމާހުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުން އިސްތިއުނާފް ކުރުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ސަމާހު ކުށަށް އެއްބަސްވުމަށްފަހު ފަހުން އެ ކުށަށް އިންކާރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ކުށަށް އެއްބަސްވިއިރު ވެސް އާދަމް ހަލީމަށް ހަމަލާދިނީ މެރުމުގެ ނިޔަތުގައި ނޫން ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
"ސަމާހު ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުގައި ގަސްދުގައި މީހަކު މެރި ކަމަށް އިންކާރު ކުރޭ. އޭނާގެ މައްޗަށް ޕްރޮސެކިއުޝަނުން ދައުވާ ކޮށްފައިވާ ކުށް ކަމަށް ގަސްދު މަރުގެ ކުށަށް އެ ބަޔާނުގައި އިންކާރު ކޮށްފައިވޭ." ހުކުމް އިއްވަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
ހުކުމުގައިވާ ގޮތުން ސަމާހު ކުށަށް އެއްބަސްވުމުން އޭނާއާ ދެކޮޅު އިތުރު ހެއްކެއް ފުލުހުން ހޯދާފައެއް ނުވެ އެވެ. އަދި އެ ބަޔާނަށް ފަހުން އޭނާ އިންކާރު ކޮށްފައިވާތީ އެ ބަޔާނަށް ބުރަދަން ދެވޭނެ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން ސަމާހު އެއްބަސްވީ ބިރު ދައްކައިގެން ކަމަށް އޭނާ ބުނުމާއި އަދި ސަމާހު ވެފައިވާ އިއުތިރާފްގެ ބޭރުން އިތުރު ހެއްކެއް ހުރިތޯ ބެލުމަށް ފަހު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތުގެ ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.
މީގެކުރިން ސުޕްރީމް ކޯޓުން ވަނީ ތިން މީހެއްގެ މަރުގެ ހުކުމް ދަމަހައްޓައިފަ އެވެ. ނަމަވެސް ރާއްޖޭގައި 1953 ވަނަ އަހަރުގެ ފަހުން އެއްވެސް މީހެއްގެ މަރުގެ ހުކުމް ތަންފީޒު ކޮށްފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!