ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފްސީއެސްސީ)ގެ މުވައްޒަފުންނަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝިއަލް ޑިވެލޮޕްމަންޓުގެ ލީގަލް ޑިޕާޓްމަންޓްގެ ފަރާތުންނެވެ.
މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝިއަލް ޑިވެލޮޕްމަންޓުގެ ޑެޕިއުޓީ މިނިސްޓަރު އަޝްރާ އަހްމަދު އިސްވެ ނަންގަވައިދެއްވި މި ސެޝަންތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު، ޢާއިލާއާ ބެހޭ ޤާނޫނު، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު ފަދަ ޤާނޫނުތަކާއި މި ޤާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އިޖުރާޢަތުތަކާގުޅޭ މައުލޫމާތު ދީފަވެއެވެ.
މީގެ އިތުރުން ތަމްރީނުގެ ބައިވެރިންނާއި ފެސިލިޓޭޓަރުންނާ މަޝްވަރާކޮށް ހިޔާލު ބަދަލުކުރެވި، ދިމާވެފައިވާ ހަގީގީ ކޭސްތަކުގެ މިސާލުގެ ތެރެއިން، ބައިވެރިންނަށް މަސައްކަތުގައި ދިމާވާ އެކި ކަހަލަ އިޖުތިމާޢީ މައްސަލަތަކާއި އަދި ޤާނޫނީގޮތުން އެޅެންހުރި ފިޔަވަޅުތަކަށް މި ތަމްރީނުގައި އަލިއަޅުވާލެވުނުކަމަށް ފެމިލީ އެންޑް ސޯޝިއަލް ޑިވެލޮޕްމަންޓު މިނިސްޓްރީން ބުނެފަވެއެވެ.
ސަރުކާރުން ގާއިމުކޮށްފައިވާ އެފްސީއެސްސީތައް ހިނގަމުން އަންނަނީ ފެމިލީ އެންޑް ސޯޝިއަލް ޑިވެލޮޕްމަންޓުގެ ދަށުންނެވެ.
ހދ. އެފްސީއެސްސީ ހުންނަނީ ހދ.ގެ ވެރިރަށް، ކުޅުދުއްފުށީ ސިޓީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!