ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދިއްޖެ އެވެ.

އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ.

Ad
rt

އެ މައްސަލާގައި ދައުލަތުގެ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އަދި އެ މީހުން ތިބި ތަނެއް ނޭނގޭތީ އެ މީހުން ތިބި ތަނެއް ހޯދުމުގެ މަސައްކަތް ދައުލަތުން ދިޔައީ ކުރަމުންނެވެ.

މިއަދުގެ ބޭއްވި އަޑުއެހުމުގައި ހެކިވެރިންނާ ބެހޭ މައުލޫމާތެއް ލިބިފައިވޭތޯ އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ސުވާލު ކުރެއްވި އެވެ.

ދައުލަތުން ބުނީ އެ ހެކިންނަކީ ސްރީލަންކާގެ ބައެއް ކަމަށާއި ނަމަވެސް އެ މީހުން މިވަގުތު ތިބި ތަނެއް ނޭނގޭތީ މިދިޔަ މަހުގެ ފަހުކޮޅު އިންޓަޕޯލްގެ އެހީއަށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އިންޓަޕޯލް މެދުވެރިކޮށް ވެސް އެ މީހުންގެ މައުލޫމާތެއް ނުލިބޭ ކަމަށް ބުންޏެވެ.

ގާޒީ އިހްސާން ވިދާޅުވީ އެ މައްސަލާގައި ދައުވާ ލިބޭ ޖަޔަލަތު ބަންދުގައި ހުންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމުގެ ކުރިން, އެ ހެކިން ތިބި ތަނެއްގެ މައުލޫމާތު ކޯޓަށް އަންގަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އޭގެފަހުން އިތުރު ފުރުސަތެއް ނުދެވޭނެ ކަމަށް ގާޒީ އިހްސާން ވިދާޅުވި އެވެ.