ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ.
ރައީސް މުޢިއްޒު އެމެރިކާއަށް ކުރަށްވާ މި ދަތުރުފުޅަކީ، އެކުވެރި ދައުލަތްތައް (އދ.)ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ.
ރައީސް އެމެރިކާއަށް ވަޑައިގެންނެވުމުން މަރުޙަބާވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޢަލީ ނަސީރު މުޙައްމަދެވެ.
ރައީސްގެ މި ދަތުރުފުޅުގައި އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަޤުރީރު ކުރައްވަން ހަޖެހިފައިވާއިރު، އދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެއިތުރުން އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި ހިނގަމުންދާ ސަމިޓް އޮފް ދަ ފިއުޗާގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި އެމެރިކާގެ ނިއުޖާރސީީގައި ހުންނަ ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާއި މުޚާތަބުކުރައްވައި ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުރަށް އަރާވަޑައިގަތުމުގެ ކުރިން ރައީސް ވަނީ މީޑިއާތަކަށް ބަސްދީގަތުމެއް ދެއްވާފައެވެ. މި ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލީހާ އަދި އެކިއެކި ބައްދަލުވުންތަކުގައި ޤައުމަށް މުހިންމު ކަންކަމުގައި ރާއްޖޭގެ ބަސް އިއްވަވާނެކަމަށެވެ. އަދި މިވަގުތު ރާއްޖޭގެ ހާލަތު އޮތްގޮތުންވެސް އދ.އަށް ވަޑައިގެން ރާއްޖޭގެ ފަރާތުން ދައްކަވަންޖެހޭ ވާހަކަތައް ދެއްކެވުމުގެ މުހިންމުކަން ވެސް ރައީސް ވަނީ ފާހަގަކުރަށްވާފައެވެ.
ރައީސް މުޢިއްޒު ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޤައުމަށް ވަރަށް ފައިދާހުރި އަދި އޭގެ ނަތީޖާ ކުރިޔަށް އޮތް ތަނުގައި ލިބިގެންދާނެ ދަތުރުފުޅަކަށް ވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!