ރައްޔިތުންގެ އެއްވެސް ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ފެންނަން އޮތީ ހިޔާނާތާއި ވައްކަން ކަމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން މިހެން ބުނެފައި ވަނީ، ބިނާވެށި ޕްލޭންކޮށް ހިންގުމަށް ބިލުގައި ކައުންސިލްތަކާއި ރާއްޖޭގެ ފަންނީ މާހިރުންނާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލުތަކަށް އެއްވެސް މިންވަރަކަށް މަޖިލީހުން ރިއާޔަތް ނުކޮށް، އެ ބިލު ފާސްކޮށް، މި މަހުގެ 8 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައެވެ.
ބިނާވެށި ބިލް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވަނީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ. މި ބިލް ތަސްދީދުކުރެއްވުމުން ޤާނޫނަކަށްވީ 8 ސެޕްޓެމްބަރު 2024 ގައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ ތަސްދީދުކުރާ މުއްދަތަށް ހަ މަސްވުމުންކަމުން މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 8 މާރިޗް 2025 އިން ފެށިގެންނެވެ.
މި ޤާނޫނުގައިވާ ގޮތުން ބިނާވެށި ޕްލޭން ކުރުމާއި ހިންގުމާ ބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސެވެ. އަދި އެ ގާނޫނު ތަންފީޒު ކުރުމުގެ އިސް ޒިންމާ އަދާކުރާނީ ޕްލޭނިން މިނިސްޓަރު ކަމަށް އެ ޤާނޫނުގައި ވެއެވެ.
އިއްޔެ އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ މާޒީގައި ރައްޔިތުންގެ ބަހާއި ބައިވެރިވުމާއި ނުލައި ހިންގާފައިވާ ކަންކަމުން ފެންނަން އޮތީ ބޮޑެތި ވައްކަމާއި ހިޔާނާތާއި ޓެކުންކަން ރާއްޖޭގެ ތާރީހުން ދައްކުވައިދޭކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ރައްޔިތުންނާއި އެންމެ ގާތުން ރައްޔިރުން ތަމްސީލްކޮށްދީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދޭ ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ނުހަނު ނޭދެވޭ އަސަރުތައް މި ގާނޫނުގެ ސަބަބުން ކުރާނެ ކަމަށާއި އަދި މި ބަދަލުތަކުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައުއަށް އެންމެ ފައިދާވާނޭ ގޮތަށް ރާވާ ތަރުތީބު ކުރުމުގެ ފުރުސަތު މުޖުތަމައުތަކުން ގެއްލިގެން ދިއުމުގެ ނުރައްކާތެރިކަން އެބައޮތް ކަމަށެވެ.
ބިލަށް ހިޔާލު ހޯދުމުގެ ކުރު މަރުހަލާގައި ކައުންސިލްތަކާއި ރާއްޖޭގެ ފަންނީ މާހިރުންނާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލުތަކަށް އެއްވެސް މިންވަރަކަށް މަޖިލީހުން ރިއާޔަތް ކޮށްފައި ނުވާކަމަށާއި ލޯކަލް ގަވާމެންޓް ވުޒާރާއާއި، މަޝްވަރާ ކޮށްފައިނުވާކަމަށް އެ ވުޒާރާއިން ހާމަކޮށްފައިވާހިނދު، ލޯކަލް ގަވަމަންޓް ވަޒީރު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ދެއްވާފައިވާ އިރުޝާދުތަކާއި މި ގާނޫނު ފުށުއަރާކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.
ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތައް ދިރާސާކޮށް މަޝްވަރާތައް ފެށުމަށް ވަމުންދާ ތައްޔާރީތަކަށް މި ގާނޫނު ފާސްކުރުމުގައި ކައުންސިލްތަކާއި ފަންނީ މާހިރުން އެކަހެރި ކުރުމުން ސަރުކާރުން ރައްޔިތުންނާއި ކައުންސިލްތަކުގެ ބައިވެރިވުން ހޯދާނެ ކަމަށް ވީ ވައުދަށް ހިޔަނި އެޅިއްޖެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ބަޔާނުގައި ހއ.އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން އެ އަތޮޅުގެ އަށް ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ވަނީ ސޮއި ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!