ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްނެޕްޗެޓުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވީޑިއޯ އުފެއްދޭނެ އައު ފީޗަރެއް ތަޢާރަފުކުރާނެ ކަމަށް އިޢުލާންކޮށްފިއެވެ. މި ފީޗަރަކީ ކްރިއޭޓަރ އެކައުންޓް އޮންނަ ފަރާތްތަކަށް ޓެކްސްޓް އަދި އިމޭޖް ޕްރޮމްޕްޓް ބޭނުންކޮށްގެން ވީޑިއޯ އުފެއްދޭނެ ޓޫލެކެވެ.

"ސްނެޕް އޭއައި ވީޑިއޯ" ގެ ނަމުގައި ތަޢާރަފުކުރާ މި ފީޗަރ މިވަގުތު ވަނީ ވަކި ގްރޫޕެއްގެ ކްރިއޭޓަރުންނަށް ބީޓާ ވަރޝަނެއްގެ ގޮތުގައި ލިބެން ފަށާފައެވެ. މި ފީޗަރ ބޭނުންކުރެވޭނީ ޕަބްލިކް ޕްރޮފައިލް އޮތް، ސްޓޯރީތަކާއި ސްޕޮޓްލައިޓަށް ޙަރަކާތްތެރިކޮށް ޕޯސްޓްކުރާ، އަދި ގިނަ ފޮލޯވަރުން ތިބި ކްރިއޭޓަރުންނަށެވެ.

Ad
rt

ސްނެޕްޗެޓުން ބުނެފައިވާ ގޮތުގައި އޭއައި އިން އުފައްދާ ވީޑިއޯތަކުގައި ވޯޓަރމާކެއް ޖަހާނެއެވެ. މިއީ އާންމު ވީޑިއޯތަކާއި އޭއައި އިން އުފެއްދި ވީޑިއޯތައް ތަފާތުކުރުމަށް އެޅޭ ފިޔަވަޅެކެވެ. މި ވޯޓަރމާކް ފެންނާނީ ކޮންޓެންޓް ޑައުންލޯޑްކުރުމުން އަދި ޙިއްސާކުރުމުން ވެސް ކަމަށް ސްނެޕްޗެޓުން ބުނެފައިވެއެވެ.

މީގެ އިތުރުން، ސްނެޕްޗެޓުން ވަނީ އިތުރު އޭއައި ފީޗަރތަކެއް ވެސް ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި މުސްކުޅި ސިފައިގައި ފެންނާނެ އައު ލެންސްއަކާއި، ސްނެޕްޗެޓް+ ސަބްސްކްރައިބަރުންނަށް ލިބޭނެ އޭއައި ކެޕްޝަންތަކާއި ލެންސްތައް ހިމެނެއެވެ. އަދި ސްނެޕްޗެޓުގެ ޗެޓްބޮޓް "މައި އޭއައި" އަށް ވެސް އިތުރު ކުރިއެރުންތަކެއް ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ.

މި އައު ފީޗަރތަކާއެކު، ސްނެޕްޗެޓުން ވަނީ އޯޕަންއޭއައި އާ ގުޅިގެން ޑިވެލޮޕަރުންނަށް މަލްޓިމޯޑަލް ލާޖް ލޭންގުއޭޖް މޮޑެލްތަކަށް (އެލްއެލްއެމް) ވާސިލުވެވޭނެ ގޮތް ހަދައިދީފައެވެ. މިއީ އިތުރު ލެންސްތައް ހެދުމަށާއި، އޮބްޖެކްޓްތައް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެކެވެ.