ފެނަކަ ކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިކޮށްދިނުމަށް އެ ކުންފުނި ޑިޖިޓަލްކުރުމުގެ މަގުޗާޓު މިއަދު ތައާރަފްކޮށްފިއެވެ.

ފެނަކަ ޑިޖިޓަލައިޒް ކުރުމަށް އެކުލަވާލެވުނު މަގުޗާޓު ތައާރަފް ކުރީ މިއަދު އެ ކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަކޮށް ބޭއްވި ޙަފްލާއެއް ގައެވެ.

Ad
rt

ސަރުކާރުގެ ބައެއް އިސްވެރިންނާއި، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތް މި ޙަޕްލާގައި، މި މަގުޗާޓުގައި ހިމެނޭ އެކި ކަންކަމުގެ ތަފްސީލުތައް މުވައްޒަފުންނާ ވަނީ ޙިއްޞާކޮށްފައެވެ.

މި މަގުޗާޓުގައި ފެނަކައިން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިވާނެ ތަފާތު އެކި ސޮފްޓެވެއަރތަކާއި ޕޯޓަލްތައް ހިމެނެއެވެ.

މި މަގުޗާޓުގައި ހިމެނިގެން މިއަދު އިފްތިތާޙް ކުރެވުނު ''ގިރުނބާ'' އަކީ، މި މަގުޗާޓުގެ ދަށުން އެކުލަވާލެވި، ބޭނުން ކުރަން ފެށުނު އެންމެ މުހިއްމު ޑިޖިޓަލް ކޮމްޕޮނެންޓުކަމަށް ފެނަކައިން ބުނެފަވެއެވެ.

''މިއީ، ފެނަކައިން ރަށްރަށުގައި ދެމުންދާ ޚިދުމަތްތަކާ ގުޅޭ ގިނަ ޑޭޓާތަކެއް ވަގުތުން ވަގުތަށް ރައްކާ ކުރެވި، ރަށްރަށުގައި ޤާއިމްކުރެވިފައިވާ ފެނަކަ އިންޖީނުގެތަކާއި، ފެން ޕްލާންޓުތަކުގެ ޙާލަތު ވަގުތުން ފެންނަގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެއް، މިއާއެކު ޚިދުމަތްތަކަށް ބުރޫއަރާފާނެ ޙާލަތެއް ދިމާވުމުގެ ކުރިން، ދުރާލާ ތައްޔާރުވެ ފިޔަވަޅުތައް އެޅުމަށް ފުރުސަތު ފަހިވެގެންދާނެ'' ފެނަކައިން ބުނެފަވެއެވެ.

ގިރުނބާގެ އިތުރުން، ކުންފުނީގެ އެޗްއާރ މަސައްކަތްތައް ޒަމާނީކޮށް ޑިޖިޓަލައިޒް ކުރުމަށް ޙާއްސަ ސޮފްޓްވެއަރއެއްވެސް ފެނަކައިން މިއަދު ވަނީ ތަޢާރަފް ކޮށްފައެވެ. މި ސޮފްޓްވެއަރއާއެކު، ޗުއްޓީއަށް އެދުމާއި ސަލާމް ބުނުންފަދަ، މުވައްޒަފުންނާ ސީދާ ގުޅުންހުރި ކަންކަމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުންވެސް ފެނަކަ ޓެންޑަރ ޕޯޓަލްއާއި، ޓިކެޓިން ސިސްޓަމް، ފިއުލް މެނޭޖްމަންޓް ސިސްޓަމް، މައިފެނަކަ ޕޯޓަލްފަދަ، ކަސްޓަމަރުންނަށް ކުންފުނީގެ ޚިދުމަތްތައް ހޯދުމަށް ފަސޭހަ ވެގެންދާނެ އެތައް ކަމެއް މި މަގުޗާޓުގައި ހިމަނާފައިވާއިރު، މީގެތެރެއިން އެޗްއާރ ސިސްޓަމް ފިޔަވައި، ދެން ހުރި ސޮފްޓްވެއަރތަކަކީ، ފެނަކައިގެ ޑިވެލޮޕަރުންނާއި ސޮފްޓްވެއަރ އިންޖިނިއަރުން ތަރައްޤީކުރާ ފެނަކައިގެ އަމިއްލަ ސޮފްޓްވެއަރތައްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފެނަކަ ޑިޖިޓަލައިޒް ކުރުމުގެ ދަށުން، ޕަވަރ މޮނިޓަރ ކުރުމަށް ބޭނުންކުރެވޭ ސެންޓްރަލް ސްކާޑާ ސިސްޓަމް ތ. އަތޮޅުގައި މިހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި އެ ކުންފުނިން ބޭނުންކުރަމުންދާ ހުރިހާ ކަރަންޓު މީޓަރެެއް ސްމާރޓް މީޓަރަށް ބަދަލުކުރުމުގެ ކުރުމަކީވެސް ފެނަކައިގެ ޑިޖިޓަލް ޕްލޭންގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓްގެ ދަށުން ދ.ކުޑަހުވަދޫގައި ސްމާރޓް މީޓަރު ޤާއިމްކޮށް ރަސްމީކޮށް ޚިދުމަތްދޭން މިހާރު ވަނީ ފަށާފައެވެ.

ފެނަކައި އިން ބުނީ އެ ކުންފުނީގެ އަމާޒަކީ މި މަގުޗާޓުގައި ހުރި ކަންކަން މިއަހަރު ނިމުމުގެ ކުރިން ފުރިހަމަކޮށް ކުންފުނީގެ މަސައްކަތް ޑިޖިޓަލައިޒް ކުރުން ކަމަށެވެ. މި ބަދަލާއެކު މުވައްޒަފުންގެ މަސައްކަތްތަކަށާއި ކުންފުނީގެ ޚިދުމަތްތަަކުގެ ސްޕީޑް އަވަސްވެގެންދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.