ގޫގުލްގެ ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް އޮޅުވާލައިގެން ހެކަރުން ހިންގަމުންދާ ސްކޭމެއްގެ މައްސަލަ ފެންމަތިވެއްޖެއެވެ.
މައިކްރޯސޮފްޓްގެ މުވައްޒަފެއް ކަމަށްވާ ސެމް މިޓްރޮވިޗް ވަނީ ޖީމެއިލް ޔޫޒަރުންނަށް އޮޅުވާލައިގެން ފުޅާދާއިރާއެއްގައި ނުރައްކާތެރި ސްކޭމެއް ކުރިއަށް ގެންދާ ކަމަށް ބުނެ އިންޒާރުދދީފައެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ އޭނާގެ ބްލޮގް ޕޯސްޓެއްގައެވެ.
މިޓްރޮވިޗްގެ ބުނުމުގައި، ވާގޮތުން މި ހަމަލާ ފެށެނީ "ޖީމެއިލް އެކައުންޓް ރިކަވަރީ ކަށަވަރުކުރުން" މި ސުރުޚީގެ ދަށުން ފޮނުވާ އީމެއިލަކުންނެވެ. މިއީ ގިނަ މީހުންނަށް ފެނިފައިވާ ބާވަތުގެ މެސެޖެކެވެ. އެހެންނަމަވެސް މިޓްރޮވިޗް ވަނީ މި ރިކަވަރީ ރިކުއެސްޓް ވަގުތުން ދޫކޮށްލާފައެވެ.
އޭގެ 40 މިނެޓް ފަހުން، އޭނާއަށް ގޫގުލްއިން ގުޅާކަމަށް ބުނެ ފޯނު ކޯލެއް އައިސްފައިވެއެވެ. މިޓްރޮވިޗް ވަނީ މި ކޯލަށް ޖަވާބު ނުދީ ދޫކޮށްލާފައެވެ. ހަފްތާއެއްފަހުން އަނެއްކާވެސް ރިކަވަރީ އީމެއިލެއް ލިބުމުން، އޭނާ ވަނީ އެ އީމެއިލްވެސް ބަލައިނުގަނެ ދޫކޮށްލާފައެވެ.
ދެވަނަ ފަހަރަށް އައި ފޯނު ކޯލަށް މިޓްރޮވިޗް ޖަވާބުދިނުމުން، ގޫގުލް ސަޕޯޓުން ގުޅާކަމަށް ބުނެ، އޭނާގެ ޖީމެއިލް އެކައުންޓް ހެކްވެފައިވާ ކަމަށާއި އޭނާގެ ޑޭޓާ ނުރައްކަލުގައި ވާކަމަށް ބުނެފައިވެއެވެ. ނަމަވެސް މިޓްރޮވިޗް ވަނީ ފޯނުން އިވުނު އަޑަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައިވާ އަޑެއްކަން ފާހަގަކޮށްފައެވެ.
މި ހަމަލާއިން ރައްކާތެރިވުމަށް ޖީމެއިލް ބޭނުންކުރާ ފަރާތްތަކަށް އިތުރު ސަމާލުކަމެއް ދިނުމަށް މިޓްރޮވިޗް ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިފަދަ އީމެއިލްތަކާއި ފޯނު ކޯލްތަކަށް ޖަވާބު ނުދިނުމަށާއި، ގޫގުލްގެ ރަސްމީ ޗެނަލްތަކުން މެނުވީ އެކައުންޓާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!