ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލާފާސްކޮށް މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި އަންހެނަކާއި ތިން ފިރިހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައި ވަނީ އެތަނުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މި ރިޕޯޓާއި ގުޅިގެން ފުލުހުންގެ ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން، މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ވަނީ އޮޕަރޭޝަނެއް ހިންގާފައެވެ.
މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓު ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 76 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބޭނުންކުރުމަށް ގެންގުޅޭ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެންމެންނަކީ ވެސް ދިވެހިންނެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވ. ފައިވްފްލާވަރ، އަޙްމަދު އަފްރާޙް (44އ) އާއި ހުޅުމާލެ، ފްލެޓް ނަންބަރު 04-ޖީ-10، ޢަލީ ޢަބްދުﷲ (48އ) 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، އަނެއް ދެ މީހުން ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ. އެއީ 43 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ އަންހެނެކެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!