ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ދަތުރުގޮސް އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43) ގެ އެއްވެސް ހަބަރެއް މިހާތަނަށް ވެފައި ނުވާކަމާއި ތަހުގީގަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާކަން ފުލުހުން މި މައްސަލައާއި ގުޅިގެން މިއަދު އާންމު ކުރި ބަޔާނުން ހާމަވެއްޖެއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ 13:20 ހާއިރު ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

Ad
rt

ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ ތަސްލީމް ހޯދުމަށް ފަސްގަނޑުގެ އިތުރުން މޫދު ސަރަހައްދު ޑައިވްކޮށްގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ތިން ދުވަހެއްގެ މަތީން 943،998 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.

ތަސްލީމް މާލެއިން އެ ފަސްގަނޑަށް ގޮސްފައި ވަނީ އޭނާ ހިމެނޭ ހެން 25 މީހުންނާއި ދެ ކުޑަކުދިންނާއެކު، މިދިޔަ މަހުގެ 29 ވަނަ ދުވަހު 17:00 އާއި 17:30 އާއި ދޭތެރޭގެ ވަގުތެއްގައި ކަމަށާއި، އެ ދަތުރުގައި އޭނާ ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރައްޓެހިކަމުގައި، އޭގެ ތެރެއިން ބަޔެއްގެ އުފަންދުވަހާއި އެންގޭޖްމެންޓް ޕާޓީއެއް ފާހަގަކުރުމަށް ޕާޓީގެ ކަރަންޓް މަސައްކަތްތައް ކުރުމަށް ކަމުގައި އެ ބަޔާނުގައި ބުނެފައިވެއެވެ.

އޭނާ އެތަނުގައި ހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 07:45 އާއި 09:00 އާ ދޭތެރޭގައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހުން އެތަނަށް ދަތުރު ދިޔައިރު އެ ފަސްގަނޑުގައި ދަތުރުގޮސް އެހެން ބަޔަކު އުޅޭކަމުގައި ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.

ތަސްލީމް މާލެ ދާން ބޭނުންވާ ކަމަށް ބުނެފައި އޮތުމުން، އެ ދުވަހުގެ 10:00 އާއި 11:00 އާއި ދޭތެރޭ މާލެ ފުރި ލޯންޗުގައި އޭނާ މާލެ ފޮނުވާލުމަސް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ އެ މީހުން އޭނާގެ އާއިލާއަށް ގުޅި ކަމަށާއި އާއިލާއިން އޭނާ މާލެ ނާންނަކަމަށް މައުލޫމާތު ދިނުމުން ދަތުރުގެ ބައިވެރިން އޭނާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގުގައި ދަތުރު ދިޔަމީހުންގެ އިތުރުން އެ މީހުން ދަތުރު ދިޔައިރު އެ ފަސްގަނޑުގައި ދަތުރުގޮސް ތިބި މީހުންނާއި ވެސް ސުވާލުކޮށްފައި ކަމަށާއި، އޭނާގެ ލެޕްޓޮޕާއި ފޯނު ފޮރެންސިކް ތަހުލީލް ކުރަން ފަށައި، ދަތުރުދިޔަ ދެބައި މީހުން ދަތުރުކުރި ލޯންޗްތައް ވެސް ފުލުހުން ވަނީ މިހާރު ބަލާފައި ކަމުގައި އެ ބަޔާނުގައި ވެއެވެ.

ފުލުހުން ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އޭނާ އާންމުކޮށް މާލޭގައި ގޮސް އުޅޭ ސަރަހައްދުތައް ބަލައި، އޭނާ ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަށް މިހާރު އެދިފައިވާ ކަމަށެވެ.