ރާއްޖޭގައި މިހާރު ކުރިއަށްދާ ކާވާ ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގެ ފައިނަލް މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމު ކުޅުމަށް ތައްޔާރުވަމުންދާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ޓީމަށް ހިތްވަރުދެއްވައިފިއެވެ.
ރައީސް މުޢިއްޒު ޤައުމީ އަންހެން ވޮލީ ޓީމަށް ހިތްވަރު ދެއްވީ މިއަދު މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.
މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމާ ވާދަކުރާނީ ކިރިގިސްތާންގެ ޓީމާއެވެ.
މި މުބާރާތުގެ ލީގު ބުރުގައި ކިރްގިސްތާން އިން ވަނީ ރާއްޖެ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ. ނަމަވެސް އެ ސެޓްތައް ކިރްގިސްތާނަށް ލިބުނީ ވަރަށް ވާދަވެރި ކުޅުމަކަށްފަހު ވަރަށް ކުޑަ ފަރަގަކުންނެވެ. މިއީ މި މުބާރާތުގައި ރާއްޖެ ބަލިވި ހަމައެކަނި މެޗު ވެސް މެއެވެ.
— Dr Mohamed Muizzu (@MMuizzu) September 11, 2024
މިއީ ދިވެހި ޤައުމީ ވޮލީޓީމް ކާވާގެ އަންހެން މުބާރާތުގެ ފައިނަލްގައި ކުޅޭ ދެވަނަ ފަހަރެވެ. އެއީ 2019 ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގައެވެ. އެ ފަހަރު ފައިނަލުން ރާއްޖެ ބަލިވީ އެވެ.
ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ފެށުނު، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމަންސް ވޮލީބޯލް ޗެލެންޖް ކަޕްގައި ދިވެހިރާއްޖޭގެ އިތުރުން، އަފްޣާނިސްތާން، ކިރިގިސްތާން އަދި ތަޖިކިސްތާނުގެ ޓީމު ވާދަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!