ހުޅަނގު އައްސޭރީގައި އޮތް މުޒާހަރާއަކަށް އިޒްރޭލު ސިފައިން ބަޑިޖަހައި އެމެރިކާ- ތުރުކީގެ 26 އަހަރުގެ އަންހެން އެކްޓިވިސްޓަކު މަރާލައިފިއެވެ.

ހުކުރު ދުވަހު ވެސްޓް ބޭންކުގައި ބޭއްވުނު އެ އިހުތިޖާޖުގައި އިސްރާއީލް ސިފައިންވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ލައިވް ވަޒަން ޖަހާފައެވެ. އެކަމުގެ ސަބަބުން އެތައްބަޔަކުވަނީ ޒަޚަމްވެފައެވެ.

Ad
rt

އައިސެނުރު އެޒްގީ އެއިގީ ނަމަކަށް ކިޔާ މި އަންހެންމީހާ ބައިވެރިވެފައިވަނީ ނަބުލުސް ކައިރީގައި އޮންނަ ބެއިތާ ރަށުގައި ބޭއްވި، އިސްރާއީލީ ޔަހޫދީ ސެޓްލްމަންޓްތަކާ ދެކޮޅު އިހުތިޖާޖެއްގައެވެ. އެ ސަރަހައްދުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއިގީއަށް ބަޑިން ހަމަލާދީފައިވަނީ އިސްރާއީލީ ސިފައިންނެވެ.

އިސްރާއީލީ ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނެފައިވަނީ "އެ ސަރަހައްދުގައި ހިނގި ހަމަނުޖެހުން ތަކެއްގައި ބޭރު ޤައުމެއްގެ ރައްޔިތަކު މަރުވެފައިވާކަމުގެ ރިޕޯޓުތައް ބަލަމުންދާ" ކަމަށެވެ.

އެއިގީއާއެކު އިހުތިޖާޖުގައި ބައިވެރިވި އެހެން މީހަކު ބީބީސީއަށް ބުނެފައިވާ ގޮތުގައި، މިއީ އެއިގީ އިންޓަނޭޝަނަލް ސޮލިޑަރިޓީ މޫވްމަންޓާއެކު ބައިވެރިވި ފުރަތަމަ އިހުތިޖާޖެވެ. އިންޓަނޭޝަނަލް ސޮލިޑަރިޓީ މޫވްމަންޓަކީ ފަލަސްތީނަށް ތާއީދުކުރާ ޖަމާއަތެކެވެ.

މި ހާދިސާގެ އިތުރު ތަފްސީލާއި ތަހުގީގުގެ ނަތީޖާ އަދި ހާމަކޮށްފައި ނުވާއިރު، މި މަރާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.