ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރި މެޗުން، ތިލަދެކުނު ފުޓްބޯޅަ މުބާރާތް މިއަދު (ހުކުރު) ފަށައިފިއެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ކޮރަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފު އެ ޓީމް ނިންމާލީ ދެ ލަނޑުގެ ލީޑަކާއިއެކުއެވެ. ފުރަތަމަ ލަނޑު 25 ވަނަ މިނެޓުގައި ޕްރިންސް ލާބީ ޖަހައިދިންއިރު، ދެވަނަ ލަނޑު 29 ވަނަ މިނެޓުގައި ޖަހައިދިނީ މަތީން ބަޝީރުއެވެ.
ފުރަތަމަ ހާފާއި ހިލާފަށް މެޗުގެ ދެވަނަ ހާފުގައި ނޮޅިވަރަންފަރު ޓީމް ފެނުނީ ވަރުގަދަކޮށެވެ. މިގޮތުން ދެވަނަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 54 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ރިޔާޒުއެވެ. ނަތީޖާ ހަމަހަމަކުރި ލަނޑު 62 ވަނަ މިނެޓުގައި ޖަހައިދިނީ މުހައްމަދު ނިޒާމް އެވެ.
މުހައްމަދު ނިޒާމް ކުޅެން ނުކުމެފައި ވަނީ ދެވަނަ ހާފުގައެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ޖެހުމުގެ އިތުރުން އެ ހާފުގައި އޭނާ ދެއްކި މޮޅު ކުޅުމާއިއެކު މެޗުގެ މޮޅު ކުޅުންތެރިއާއަށް ވެސް ހޮވިފައި ވަނީ އޭނާއެވެ.
މި މުބާރާތުގައި ޖުމްލަ އަށް ޓީމެއް ވާދަކުރެއެވެ. މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ކްލަބް ކޮރަލްސް، ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް، ކުމުންދޫ ސްޕޯޓްސް ކްލަބްގެ އިތުރުން ކުޅުދުއްފުށީ މަގުލަސް ކްލަބެވެ. ގްރޫޕް ބީގައި ހިމެނޭ ޓީމްތަކަކީ ޓީމް ނެއްލައިދޫ، ހަނިމާދޫ ސާއްބަ އެކުވެރި ކްލަބް، އިންފިނިޓީ އެކަޑަމީގެ އިތުރުން ހުރަފުސް ސްޕޯޓްސް ކްލަބެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. ބައްދަލުކުރާނީ މަގުލަސް ކްލަބާއި ކުމުންދޫ ސްޕޯޓްސް ކްލަބެވެ. މި މުބާރާތު މެޗުތައް ކުރިއަށް ދަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!