ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ކެރިއަރުގައި 900 ވަނަ ލަނޑުޖަހައި، މި އަދަދަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް ހޯދައިފިއެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އެކެއްގައި ރޭ ޕޯޗުގަލްއާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕޯޗުގަލުންނެވެ.

Ad
rt

މި މެޗުން ޕޯޗުގަލް މޮޅުކޮށްދިން ލަނޑު 34 ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ އުމުރުން 39 އހަރުގެ ރޮނާލްޑޯއެވެ. މިއީ އޭނާގެ ކެރިއަރުގައި ޖެހި 900 ވަނަ ލަނޑެވެ. ރޮނާލްޑޯއާއި އެންމެ ކައިރިން ވާދަކުރާ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއަށް މިހާތަނަށް ޖެހިފައި ވަނީ 838 ލަނޑެވެ.

ކްލަބް ފުޓްބޯޅައިގައި ރޮނާލްޑޯ މިހާތަނަށް ވަނީ ފަސް ކުލަބަކަށް ކުޅެ ލަނޑު ޖަހާފައެވެ. އޭނާ ފުޓްބޯޅަ ކެރިއާ ފަށާފައި ވަނީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިންނެވެ. އެ ޓީމަށް އޭނާ ވަނީ 5 ލަނޑު ޖަހާފައެވެ. ދެފަހަރެއްގެ މަތިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރޮނާލްޑޯ އެ ޓީމަށް 145 ލަނޑެ ޖެހިއެވެ. ރޮނާލްޑޯ އެންމެ ގިނަ ލަނޑު ޖަހާފައި ވަނީ ރެއާލް މެޑްރިޑްގައެވެ. ރެއާލަށް 450 ލަނޑު ޖެހިއެވެ. އިޓަލީގެ ޔުވެންޓަސްއަށް 101 ލަނޑު އަދި މިހާރު ކުޅެމުން އަންނަ ސައުދީ ލީގުގެ އަލް ނަސްރަށް 67 ލަނޑު ވަނީ ޖަހާފައެވެ. ގައުމީ ޓީމަށް 131 ލަނޑު ވަނީ ޖަހާފައެވެ.

ރޭ މެޗުގައި ޕޯޗުގަލްއަށް ފުރަތަމަ ލަނޑު ހަތްވަނަ މިނެޓުގައި ޖަހައިދިނީ ޑިއެގޯ ޑަލޯއެވެ. ކްރޮއޭޝިއާއިން ޖެހި ލަނޑަކީ ޑަލޯ އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ 900 ލަނޑު ހަމަކުރެވުމަކީ ފެންނަ ފެނުމަށް އާދައިގެ ކަމެއްހެން ހީވިޔަސް އެ ހިސާބަށް ދިއުމަށް ކޮންމެ ދުވަހަކު ކުރި ބުރަ މަސައްކަތް ކުރި ކަމަށެވެ. އޭނާ އިތުރަށް ބުނީ މިއީ އޭނާގެ ކެރިއަރުގެ ވަރަށް ހާއްސަ ރެކޯޑެއް ކަމަށާއި ހަގީގަތުގައި އޭނާ ރެކޯޑެއް ނުމުގުރާ ކަމަށާއި ރެކޯޑްތައް އޭނާ ފަހަތުން އަންނަނީ ކަމަށެވެ.