އަންހެނެއްގެ ކަރުގައި ވަޅިޖައްސައިގެން ރަހީނުކޮށް ބިރުދެއްކި މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނިކޮށް އަމިއްލައަށް މަރުވާން މަސައްކަތް ކުރަނިކޮށް ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.
މިދިޔަ ހޯމަ ދުވަހު މަރުވި އަތުހަރާއި ގުޅޭގޮތުން މިއަދު ފުލުހުން މީޑިއާއަށް ފޮނުވި މައުލޫމާތުގައި ބުނީ ށ.މިލަންދޫ، ހެޕީލޭންޑް އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް މިއަދު ހެނދުނު ފޮނުވާލާފައިވާ ކަމަށެވެ.
އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ގެންގޮސްފައި ވަނީ އިންޑިޔާއަށެވެ. އޭނާގެ ހަށިގަނޑު މާދަމާ ޕޯސްޓްމޯޓަމް ހަދަން ހަމަޖެހިފައިވާ ކަމުގައި ފުލުހުން ބުންޏެވެ.
އަތުހަރު ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅެވެ. ނަމަވެސް ފުލުހުންނަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން އަތުހަރުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށް ހޯމަ ދުވަހުގެ ރޭ އަތުހަރު މަރުވި ގޮތުގެ ސީސީޓީވީ ފުޓޭޖް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!