އެ ޤައުމެއްގެ މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް ކަމަށާއި، އަދި އެއީ ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުންތެރި ހަތިޔާރެއްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވެވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ޤައުމެއްގެ ޤައުމިއްޔަތުގައި، އެ ބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ، އެ ބައެއްގެ މާދަރީ ބަސް ކަމަށެވެ. އަދި މާދަރީ ބަހަކީ އަމިއްލަ ޤައުމީ ސަގާފަތެއް އުފައްދައިދޭ ވާސިތާ ކަމަށް ވިދާޅުވިއެވެ.
އޭގެ ސަބަބަކީ ސަގާފަތެއް އުފަންކުރުވަނީ ބަހުން ކަމަށްވާތީ ކަމަށާއި، ޤައުމެއްގެ ނިސްބަތުގައި ސަގާފަތަކީ އެ ބައެއްގެ ޖަމާޢީ ގަބޫލުކުރުމާއެކު ހިނގާ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތަށް ބަހަކުން ވާހަކަދައްކައި، އެ ދެއްކޭ ވާހަކައިގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންވަމުން ގޮސް، ވަކި ކަމެއް ކުރާން އެއްބަސްވެ، ޢަމަލީ ގޮތުން އެކަން ކުރާ ގޮތަކީ، އެ ބައެއްގެ ސަގާފަތް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
''ޤައުމަކުން ކުރާ ކަންކަމަށް ނުވަތަ ސަގާފަތަށް އަބަދުވެސް އެންމެ ވަރުގަދަ ނުފޫޒެއް ފޯރުވަނީ، އެ ބައެއްގެ ދީން. އެ ބައެއްގެ އިޢުތިޤާދު. ދީން އަބަދުވެސް މަސައްކަތް ކުރާނީ، އެ ބައެއްގެ ސަގާފަތް އިޞްލާޙު ކުރަން. މިކަން ހިނގާނީ ބަހުގެ ދައުރާއެކު. ހަމަ އެހެންމެ، ހުއްޓުމެއް ނެތް ޤައުމީ ޙަޔާތުގެ މި ބުރު އެނބުރެމުން ދާއިރު ހިނގާ ކަންކަމަކީ، އެ ބައެއްގެ ތާރީޚު.'' ރައީސް ވިދާޅުވެފަވެއެވެ.
ރައީސް ވިދާޅުވިގޮތުގައި ހަނދާން ބަހައްޓަންވީ ކަމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަލަށް ދަސްކުރާ ބޭރު ބަހާއި، އަމިއްލަ މާދަރީ ބަހުގައި މުޅިން ތަފާތު ދެ ދައުރެއް އޮންނަކަން ކަމަށެވެ. އަދި މާދަރީ ބަހަކީ ތިމާއަށް ތިމާކަން ކަނޑައަޅާ ބަސް ކަމަށާއި، ދިވެއްސަކު އެއީ، ދިވެއްސެއްކަން ކަނޑައަޅަނީ، އޭނާގެ މާދަރީ ބަސް ކަމަށެވެ.
އަމިއްލަ ބަހެއް ލިބިގެންވުމަކީ، އަމިއްލަ ވަކި ޤައުމެއްކަމުގެ އެއް ދަލީލު ކަމަށާއި، އަމިއްލަ ބަހެއް ލިބިގެންވާނަމަ، އެ ބަހަކުން މުޢާމަލާތްކޮށްގެން އުފެދޭނީ، އަމިއްލަ ވަކި ސަގާފަތެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
''އެހެންވީމާ، މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއް. ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުންތެރި ހަތިޔާރެއް.'' ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، އެމަަަަނިކުފާނުގެ އުންމީދަކީ، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ މަޝްރޫޢުގެ ތެރެއިން މިފަދަ ހޭލުންތެރިކަން އާންމުވެގެން ދިޔުންކަމަށާއި، މި އަހަރުގެ ޤައުމީ ދުވަހަކީ، ކޮންމެ ދިވެއްސަކު ވެސް ދިވެހި ބަހަށް އިސްކަންދޭން އަލުން ފަށާ ދުވަހެއް ކަމަށްވުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!