ގްރޭޑް 10 ނިމުމުގެ ކުރިން ތެލަސީމިއާ ސްކްރީނިންގ ކުރަންޖެހޭގޮތައް ސަރުކާރުން ނިންމި ނިންމުގެ ދަށުން 4004 ދަރިވަރުން ތެލެސީމިއާ އަށް ސްކްރީންކޮށްފިއެވެ.

ސިއްހީ ވުޒާރާއިން ބުނީ، މި ސްކްރީނިން ކުރިއަށް ގެންގޮސްފައި ވަނީ، ތެލެސީމިއާ އަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މިއަހަރު ފެށި ޕްރޮގްރާމްގެ ދަށުން މާލޭ ސަރަހައްދުގެ ގްރޭޑް ދިހަ އެއްގައި ކިޔަވާކުދިންނަށް އަމާޒުކޮށް ހިންގި ޕްރޮގްރާމެއްގެ ތެރެއިންނެވެ.

Ad
rt

ތެލެސީމިއާ އަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެއް ޤައުމީ މައްސަލަކަމަށްވީއިރު، ސަރުކާރުން ވަނީ ރާއްޖޭގައި ތެލަސީމިއާ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށް އިސްކަމެއްދީ ކަންތައްތަކެއް ރާވާފައެވެ. މީގެ ތެރޭގައި ރާއްޖޭގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ގްރޭޑް 10 ނިމުމުގެ ކުރިން ތެލަސީމިއާ ސްކްރީނިން ކުރަން ޖެހޭގޮތަށް ވަނީ ހަދާފައެވެ.

ސިއްހަތާބެހޭ ވުޒާރާއިން ބުނީ ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ރާވާފައިވާ ޕްރޮގްރާމްތަކުގެ ދަށުން ފުރަތަމަ މަރުހަލާގެ ތެލަސީމިއާ ސްކްރީންގ ކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރި ކުރުން ގްރޭޓަރ މާލޭ އޭރިއާގައި ޕްރޮގްރާމެއް ވަނީ ހިންގާފައެވެ. މި ޕްރޮގްރާމްގެ ދަށުން ހަތަރުހާހަށްވުރެ ގިނަ ދަރިވަރުން ވަނީ ސްކްރީންކޮށްފައިކަމަށް ސިއްހީ ވުޒާރާއިން ބުންޏެވެ.

މި ޕްރޮގްރާމްގެ ދަށުން ގްރޭޓަރ މާލެ އޭރިއާގައި ސްކޫލްތަކުގެ ގްރޭޑް 10ގެ 124 ބެލެނިވެރިންނަށާއި، 198 ދަރިވަރުންނަށް ތެލަސީމިއާ އަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ދީފައިވާއިރު، 4004 ދަރިވަރުން ތެލަސީމިއާ އަށް ސްކްރީން ކޮށްފައިވާކަމަށް ސިއްހަތާބެހޭ ވުޒާރާއިން ބުންޏެވެ. އަދި އަތޮޅުތެރޭގައި މިހާތަނަށް 76 ކުދިން ތެލަސީމިއާ އަށް ސްކްރީންކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި 01 ފެބްރުވަރީ 2024ގައި ފަށާފައިވާއިރު، މާލެއާއި އަތޮޅުތެރޭގެ ސްކޫލް ތަކުގެ ގްރޭޑް 10 ގެ ހުރިހާ ދަރިވަރުންނަށް އަމާޒު ކޮށްގެން މި ޕްރޮގްރާމް ހިންގާފައިވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް، ސިއްހަތާބެހޭ ވުޒާރާއާއި އަދި ތައުލީމާބެހޭ ވުޒާރާ އާއި ގުޅިގެންނެވެ.