ކަރަންޓްގެ ހާލަތު އެންމެ ދަށް 15 ރަށުގެ ނެޓްވޯކް އަޕްގްރޭޑުކުރަން ފަށަން ތައްޔާރުވަމުން އަންނަކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު މުޙައްމަދު ރަޝީދު، ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ދެއްކެވި ވާހަކާގައި ވިދާޅުވީ، އިންޖީނުގެތަކުގެ ހާލަތު ދަށްވެފައިވަނީ ބަރާބަރަށް މެއިންޓެއިނެންސްގެ މަސައްކަތްކޮށްފައިނެތުމުން ކަމަށެވެ.

Ad
rt

އެހެންކަމުން ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކުރުމަށްޓަކާ ރަށްރަށުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް އެމްޑީ ވިދާޅުވިއެވެ.

މިގޮތުން ކަރަންޓްގެ އެންމެ ހާލަތު ދަށް 15 ރަށުގައި މި މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މުޢާޒު ވަނީ ވިދާޅުވެފައެވެ.

މުއާޒު ވިދާޅުވީ، 15 ރަށުގެ ނެޓްވޯކް އަޕްގްރޭޑުކުރުމުގެ މަސައްކަތްކުރުމަށްވަނީ ރާވާފައި ކަމަށާއި، އޭގެތެރޭގައި ބ.ތުޅާދޫ، ޅ.ހިންނަވަރު ފަދަ ރަށްތައް ހިމެނޭ ކަމަށެވެ.

‘’އެރަށްތަކުގެ އިތުރަށްވެސް ލިސްޓުތައް ތަރުތީބުކޮށްގެން މަސައްކަތްތައް ކުރަމުން މިދަނީ." މުޢާޒު ވިދާޅުވިއެވެ.

އެންމެ ހާލަތު ގޯސް ރަށްތަކަށް މިހާތަނަށް 47 ޖެންސެޓު ފޯރިކޮށްދީފައިވާކަމަށާއި، އަދިވެސް ހާލަތު ގޯސް ރަށްތަކެއް ހުރުމުން އިތުރު 45 ޖެންސެޓު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް މުއާޒު ވިދާޅުވިއެވެ.