މާލޭގައި އަންހެނަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ފުލުހުންނަށް އިންޒާރު ދިން އާދަމް އަތުހަރަށް އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ލަފާދީފައެއްނުވާކަމަށް ފުލުހުން ބުނެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ހާދިސާގައި އަތުހަރުގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި، ރަހީނު ކުރުމުން އަންހެންމީހާ ސަލާމަތް ކުރަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރޭގައި އަހުތަރަށް އަނިޔާވެގެން އެރޭ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފަރުވާދީފައެވެ.
އޭޑީކޭގައި ފަރުވާދިނުމަށްފަހު އޭނާ ދޫކޮށްލީ މިއަދު ހެނދުނުއެވެ. ހޮސްޕިޓަލުން ދޫކޮށްލުމުން މިހާރު އޭނާ ހުރީ ފުލުހުންގެ ބަންދުގައެވެ.
އޭނާގެ ސިއްހީ ހާލަތާއި ގުޅުވައިގެން ދެކެވޭ ވާހަކައާއި ގުޅިގެން ފުލުހުން މިއަދު ބުނީ މިހާތަނަށް ހެދި އޭނާގެ ހުރިހާ ޓެސްޓްތަކާއި، ސީޓީ ސްކޭނުގެ ނަތީޖާ ވެސް ނޯމަލް ކަމަށެވެ. އަދި ނާރުގެ ޚާއްސަ ޑޮކްޓަރަކަށާއި، އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރަކަށް ދެއްކުމުން ވެސް މައްސަލައެއް ނެތްކަމަށް ބުނެފައިވާ ކަމަށެވެ.
''އައިސީޔޫގައި ފަރުވާދިނުމަށް މިހާތަނަށް އެއްވެސް ޑޮކްޓަރަކު ރެކޮމެންޑްކޮށްފައެއްނުވޭ'' ފުލުހުން ބުނެފިއެވެ.
މީގެ އިތުރުން އޭނާ މިހާތަނަށް ފިޓް ޖެހުނުކަމަށް މިހާތަނަށް ޑޮކްޓަރުގެ އެއްވެސް ލިޔުމެއްގައި ބުނެފައިނުވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!