މެންޗެސްޓާ ޔުނައިޓެޑްގެ ޖޭޑަން ސަންޗޯ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީއާއި ގުޅިއްޖެއެވެ.
މީގެ ތިން އަހަރު ކުރިން ޖަރުމަނުގެ ބްރޫޝީއާ ޑޯޓްމަންޑުން 90 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ޔުނައިޓެޑާއި ގުޅުނު ސަންޗޯއަށް، ޔުނައިޓެޑްގައި މާ އެދެވޭ ކުޅުމެއް ދެއްކޭގޮތެއް ނުވިއެވެ.
މިދިޔަ ސީޒަން ފެށުނު ތަނާހެން ސަންޗޯއާއި ޔުނައިޓެޑްގެ ކޯޗާއި ދެމެދު ޖެހުނު މައްސަލައެއްގައި ސަންޗޯއަށް ޔުނައިޓެޑުގައި ކުޅުމުގެ ފުރުސަތު ޓެންހާގް ނުދެއެވެ. އެންމެ ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޯގެ ކުރީގެ ކްލަބް ކަމަށްވާ ޑޯޓްމަންޑަށް ދޫކޮށްލިއެވެ
ޑޯޓުމަންޑަށް ބަދަލުވެ މިދިޔަ ސީޒަންގައި ސަންޗޯ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެ ޓީމާއިއެކު ޗެމްޕިއަންސް ލީގު ފައިނަލުގައި އޭނާ ކުޅުނެވެ. ފައިނަލުން ޑޯޓްމަންޑް ބަލިވީ ރެއާލް މެޑްރިޑް އަތުންނެވެ.
މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑްގެ ކޯޗު ޓެންހާގް ވަނީ ސަންޗޯއަށް ޔުނައިޓެޑްގައި ފުރުސަތު އޮތްކަމަށް ބުނެފައެވެ. ނަމަވެސް ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެވަކުން އޭނާއަށް ފުރުސަތު ދީފައި ނުވެއެވެ.
އިޓަލީގެ ޔުވެންޓަސް އިން ސަންޗޯ ހޯދަން ވާހަކަތައް ކުރިއަށް ގެންދިޔަ ނަމަވެސް، އޭނާ ނިންމީ ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީއާއި ގުޅޭށެވެ. ސީޒަން ނިމުމުން އޭނާގެ ކޮންޓްރެކްޓް ދާއިމީ ކުރުމުގެ އޮޕްޝަން ޑީލުގައި ވަނީ ހިމަނާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!