ސިނަމާލެ ބްރިޖަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަން ދީފައިވާ މި ބްރިޖަށް ހަ އަހަރުވުމުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މި ބްރިޖް ރަސްމީކޮށް ހުޅުވިފައި ވަނީ 30 އޯގަސްޓް 2018 ގައެވެ. އެ ބްރިޖް އެޅުމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ވަނީ އިސް ދައުރެއް އަދާކުރަށްވާފައެވެ.

މި ބްރުޖަށް ހަ އަހަރުފުރުމުގެ މުނާސަބާގައި ތަހުނިޔާ ވިދާޅުވެ ރައީސް ކުރެއްވި ޕޯސްޓްގައި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އިންޖިނިއަރިންގގެ ކާމިޔާބީ ފާހަކުރައްވައި އަދި މި ބްރިޖަކީ ހަމައެކަނި ދިވެހިރާއްޖޭގެ ރަށްތައް ގުޅާލުމުގެ ރަމްޒެން ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން މި ބްރިޖަކީ ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ދެގޮތެއްނުވާ ގާތް ރަޙުމަތްތެރިކަމާއި، ދެޤައުމުގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބްރިޖަކީ ތަރައްޤީ އާއި ތަނަވަސްކަމަށްޓަކައި ޗައިނާ އާއި ދިވެހިރާއްޖޭގެ ހިޔާލު އެއްގޮތްކަމާއި އެއްބައިވަންތަ ވިސްނުމުގެ ހެއްކެއް ކަމުގައި ވެސް ރައީސްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެ.

ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވެފައިވާއިރުމ އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރިއެވެ.