•  
  •  
  •  
  •  
  •  
  •  
  •  

ހަނދާނެއް ނުނެތެއެވެ. ނުވެސް ނެތޭނެއެވެ. އެދުވަހު މައިން ބަފައިން ޚާއްޞަކޮށް މަންމަ ދަރިން ބަލަން އުފުލި ބުރަ އެއީ ދައްކާ ކޮޅުންލާނެ ވާހަކަތަކެއް ނޫނެވެ.

މިޒަމާނާ އަޅާ ބަލާއިރު އޭރު ވަސީލަތްތައް މަދެވެ. ލިބޭ އާމްދަނީ ވެސްމަދެވެ. އާމްދަނީ ހޯދުމަށްޓަކައި ބައްޕަ އުޅުނީ ދަތުރު ކުރާށެވެ. ދަރިންގެ ހުރިހާ ބުރައެއް އުފުލީ މަންމައެވެ. އެއްވެސް ކަމެއް އުނިނުކޮށް އެންމެ ފުރިހަމައަށް ހުރިހާ ޚިދުމަތެއް ކޮށްދިނީ އެ މަންމަ އެކަނިމާ އެކަންޏެވެ.

މިޒަމާނުގައި ވެސް މިކުރާ ހުރިހާ މަސައްކަތެއް އޭރުވެސް ކުރަމުން ގެންދިޔައެވެ. އެކަމަކު ޒަމާނީ ވަޞީލަތެއް ނެތިއެވެ. އަންނައުނު ދޮންނަނީ އަތުންނެވެ. ފެންނަގަނީ ގިފިލީ ވަޅުން ދާނިންނެވެ. ހިއްކަން އަޅަނީ އަވިދޭ ތަނެއްގައި ދަމާފައިވާ ރޯނެއްގައެވެ. ކައްކަނީ ދަރު އުނދުނުގައެވެ. ދަރުހޮވަން ދަނީ ވަލަށެވެ. ވަލުން އައިސް ދަރުތައް އަވީލައި ހިއްކާ ދުމަށިމަތީގައި އަތުރައެވެ. ގޭސް އުނދުނާއި ގޭސް ފުޅިއެއް ނުހުރެއެވެ. ތެއްޔަށް ދެލި އެރުމުން ގޮނޑުދޮށަށް ގޮސް ތެލިތައް ދޮވެ ރީތިކުރެއެވެ. ހުނިގާނަނީ ޒަމާނީ ހުނިގޮނޑިއަކުން ނޫނެވެ. ހަވާދު ފުނޑަނީ ދަޔަކުންނެވެ. މިޒަމާނުގަ މި ގެންގުޅޭ މިކްސަރެއް ނުހުރެއެވެ. ބުރަކައްޓަށް ވެސް ބާރު ކުރާނެތާއެވެ.

ނެޕީވެސް ޖަހައެވެ. އެކަމަކު މިޒަމާނުހެން ސީތިކި ނުވަތަ ހީސްތިކި ޖެހުނީމާ އެއްލާލާފައި ޖަހާ ވައްތަރު ނެޕީއެއް ނުހުރެއެވެ. ނެޕީ ހަޑިވީމާ ގޭ ގިފިލިން ނުވަތަ މޫދަށްގޮސް އެތަކެތި ދޮވެ ޠާހިރުކޮށް އަލުން ބޭނުން ކުރެއެވެ. ގިފިލީ ވަޅުން ދާނިން ފެން ނަގައިގެން ދަރިން ފެންވަރުވާ ނަލަހައްދައެވެ. މުޑުދާރުކޮށް ބައިތިއްބާފައެއް ނުވެއެވެ.

ގަޑިން ގަޑިއަށް ބަރާބަރަށް ކާންދެއެވެ. ހަނދާން ހުންނަން ފެށިއިރުވެސް އަތުން ލަވައިގެން ކާންދިނެވެ. ރޭގަނޑު ބަނޑުހައިވެގެން ރޯލާއިރަށް ގެއާއި ދުރުގައިވާ ބަދިގެއަށް ގޮސް ފެންކުރާ ހޫނުކޮށްގެން އައިސް ބުއްތަށި ގިރާފައި ބޯންދެއެވެ. ދުވެލާފައި ގޮސް ގަންނާނެ ކިރު ޕެކެޓެއް ނުހުރެއެވެ. ނުވަތަ ކޮޓަރި ތެރޭ ފެންކައްކާނެ ޖަގެއް ނުހުރެއެވެ. ގޭތެރެއާއި މަގުމަތި ކުނިކަހާ ރީތިކުރެއެވެ. ބަލިބީމާ ޑަކްޓަރަށް ދައްކަން ގެންދެއެވެ. އެކަމަކު ކާރުގައެއްނޫނެވެ. ކޮނޑުމަތީގައެވެ. ސްކޫލަށް ވެސް ބަރާބަރަށް ގެންގޮސް ގެނެސްދީ ހަދައެވެ. މޫސުމަކަށް ނުބަލައެވެ. ވާރޭ ވެހޭނަމަ އަދި މަގުމަތީ ފެންގަނޑު ބޮޑުވިޔަސް އަރައިގެންދާނެ ކާރެއް ނުހުރެއެވެ. ފެންގަނޑު ގައި ނުހިންގުވަން ވެގެން އެއް އަތުން ކުޑަނަގައިގެން މަންމަގެ އުކުޅަށް ދަރިފުޅު ޖަހައިގެން ދާއިރު ވާނެ ބުރަ އޭރު އިޙްސާސް ނުކުރެވެއެވެ.

އިރު އޮއްސޭއިރަށް ބިމުންނަގައި އަތްފައި ދޮއްވައެވެ. އަދި ދެނަމާދުދޭތެރޭ ޤުރްއާން ކިޔަވަން އާދަކޮށްދެއެވެ. ޢިޝާ ނަމާދުން ފައިބާތަނުން ނިންދަވައެވެ. މިހުރިހާ ކަމެއް ކޮށްދެމުން ޢާމްދަނީ ހޯދަން ބޮނބިތަޅައި ރޯނުވެސް ވަށައެވެ. ވަޤުތު ނުވެގެން އެއްވެސް ކަމެއް އެއްވެސް ދުވަހަކު އުނި ނުކުރެއެވެ. އެކަމަކު މިއަދު މައިން ބަފައިން މުސްކުޅިވީ ދުވަހު އަހަރެމެން އެމީހުންނަށް ޚިދުމަތް ކުރަން ޖެހުނަސް އަދިވެސް އަހަރެމެންނަށްޓަކައި ޚިދުމަތްކުރަނީ އެމީހުންނެވެ. ކޮށްދޭހިތުންނެވެ. ޝުކުރުގެ ކޮޅެއް ނެތެވެ. އެކަމަކު މި ޒަމާނީ ވަޞީލަތްތައް ގިނަ ޒަމާނުގައި ދަރިންނަށް މިހުރިހާކަމެއް ފުރިހަމަކޮށްދެވެނީ ކިތައް ކިތައް މީހުންނަށްބާއެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް