އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ މާތްﷲ އަށް ޓަކައި ކަމަށާއި، މި ވެރިކަމަކީ ރައްޔިތުން މެދުވެރިކޮށް މާތްﷲ އެމަނިކުފާނާއި ހަވާލުކުރަށްވާފައިވާ ވަރުގަދަ އަމާނެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ ކުރިއަށް ގެންދިޔަ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި ޒިންމާ ދެކެނީ ވަރަށް ބޮޑު އަމާނާތެއްގެ ގޮތުގައި ކަމަށެވެ.

Ad
rt

''އަޅުގަނޑު ވެރިކަންކުރަނީ ﷲ އަށް ޓަކައި، ﷲ އަޅުގަނޑަށް ރައްޔިތުން މެދުވެރިކޮށް ހަވާލުމިކުރީ ވަރަށް ވަރުގަދަ އަމާނާތެއް، އެކަލާނގެ އަންގަވާފައިވާގޮތަށް މާތްވެގެންވާ އިސްލާމް ދީނުގެ އަސާސްތަކުގެ މަތީގައި އިސްލާމީ، އިސްލާމް ދީނަށް ނަސްރުދޭ، މުސްލިމުން ކިބާގައި ހުންނަންޖެހޭ ސިފަތައް މިތާ އަށަގަނެފައިވާ އުޚުއްވަތްތެރި އިސްލާމްވަންތަ، އެކުވެރި މުޖުތަމައުއެއް ޤާއިމުކުރެވިގެންދާ އިސްލާމީ ދިވެހި ޤައުމެއްގެ ވެރިކަން ކުރުމުގެ އަމާނާތް، އެއީ އަޅުގަނޑު ޤަބޫލުކުރާ ހަމައަކީ'' ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުގެ ވޭތުވެ މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި އިސްލާމް ދީނަށް ނަސްރު ދިނުމަށްޓަކައި، މީގެ ކުރީގައި ދުވަހަކުވެސް ނުކުރާ ކަންތައްތަކެއް ކުރެވިފައިވާ ވާހަކަ ރައްޔިތުން އެމަނިކުފާނު އަރިހުގައި ދަންނަވަމުން އަންނަކަމަށެވެ.

''އަޅުގަނޑު ޖެހިލުމެއްނުވޭ ރައްޔިތުން ކުރިމަތީގައި ފަސްވަގުތު ނަމާދުކުރާށޭ ދަންނަވާކަށް، މަލާތްމަތް ވެސް ކުރޭ އަޅުގަނޑަށް އެބަޔަކު، އަދި އިތުރު ހިތްވަރެއް ލިބެނީ އެވާހަކަ ދައްކަން'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ޤައުމުގައި އަޅުގަނޑުމެންގެ ތުއްތު ދަރީން ބޮޑުވެގެން އަންނައިރު، އެ ދަރީން ބޮޑުވެގެން އަންނަނީ މިބަވަނަ ވެފައިވާ ދުނިޔޭގައި ޖެހެމުންމިދާ ނުބައި އޮއިވަރުގެ ތެރޭގައި ނުޖެހި، އިސްލާމްދީނުގެ މަތީގައިކަން ޔަޤީންކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސްކުރާންޖެހޭނެ ކަމަށް ކަމަށެވެ.

''ވަރަށް ނުބައި އޮއިވަރުތައް އެބަ ފެތުރޭނޫންތޯ، ހަމައެކަނި އިސްލާމީ ޤައުމުތަކަށްނޫން މީގެ އަސަރުކުރަނީ، އޮފިޝަލީ އެއްވެސް ދީނެއް ނޯންނަ ޤައުމުތަކުގައި ވެސް އެންމެން ކަންބޮޑުވާވަރަށް ދައުރުކުރޭ، މި އޮއިވަރުގަ ނުޖެހި އަޅުގަނޑުމެންގެ ދަރީން ބޮޑުކޮށް، ކުރިއަށް ދެން އަންނަން އޮތް ޖީލުތަކަށް ވެސް ކާބަފައިން އެތައް ޤުރުބާނީއެއް ވެގެން އެތައް ޖިހާދުތަކެއްކޮށްގެން ސަލާމަތްކުރި މި އިސްލާމީ ޤައުމު ސަލާމަތްކޮށް ދިނުން އެއީ އަޅުގަނޑުމެންގެ ވިސްނުމަކަށްވާންޖެހޭނީ،'' ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރަށްވާ ވެރިކަމަކީ އެގޮތުގައި ފަޚުރުވެރިކަމާއެކު ކުރަށްވާ ވެރިކަމެއް ކަމަށެވެ.

''ރައްޔިތުން އަޅުގަނޑާއި އެ އަމާނާތް ހަވާލުކުރީމަ، ރައްޔިތުންނަށްޓަކައި، ﷲ އަޅުގަނޑުމެންނަށް އެންގެވި ގޮތުގައި އެ މަސައްކަތް ކުރުމަށްޓަކައި، އެހެންވީމަ ލަދެއް ނުގަނޭ، ޖެހިލުމެއް ނުވޭ'' ރައީސް ވިދާޅުވެފަވެއެވެ.